ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އިންޑިއާ ތަމްސީލުކުރާ ކޮންމެ އެތުލީޓަކަށް އެއް ލައްކަ ރުޕީސް ދިނުމަށް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ނިންމައިފި އެވެ.

އިންޑިއާގެ އެތުލީޓުންގެ އަގުވަޒަން ކުރުމުގެ ގޮތުން 1،01،000 ރުޕީސް ދޭން ނިންމިކަން ސަލްމާން އިއުލާން ކޮށްފައިވަނީ އޭނާގެ ރަސްމީ ޓުވިޓާ އެކުންޓުން ކުރި ޓުވީޓަކުންނެވެ.

"އެތުލީޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އެތުލީޓަކަށް 1،01،000 ރުޕީސްގެ ޗެކެއް އަހަރެން ހަދިޔާ ކުރާނަން. ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ. ކުޅިވަރު ކުރިއެރުވުމަށް އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މަސައްކަތްތަކެއް ކުރެވޭނެ. މާދަމާގެ ޗެމްޕިއަނުން ތައްޔާރު ކުރުމަށް އޮލިމްޕިކް ގޯލްޑް ކުއެސްޓް (އޯޖީކިޔު) އިން ކުރާ މަސައްކަތް އަހަރެން ފާހަގަކުރަން،" އޭނާ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ސަލްމާ އަކީ މި ފަހަރުގެ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ އިންޑިއާ ކޮންޓިންޖެންޓްގެ ގުޑްވިލް އެމްބެސެޑަރެވެ. އިންޑިއާ އިން މި ފަހަރުގެ ގޭމްސްގައި ވާދަކުރާ ކޮންޓިންޖެންޓުގައި 54 އަންހެން އެތުލީޓުންނާއެކު ޖުމްލަ 121 އެތުލީޓުން ހިމެނެ އެވެ. އެ ހުރިހާ އެތުލީޓުންނަށް އެ ވަރުގެ ފައިސާގެ އިނާމެއް ސަލްމާނު ދޭނަމަ، އޭނާ އަތުން ޖުމްލަ 12.2 މިލިއަން ރުޕީސް ހަރަދުވާނެ އެވެ. ދިވެހި ފައިސާ އިން ބަލާނަމަ، އެއީ 2.8 މިލިއަން ރުފިޔާ އެވެ.

ބޮޑު ކޮންޖިންޓަކާއެކު އިންޑިއާ އިން ގޭމްސްއާ ކުރިމަތިލީ ނަމަވެސް، އަދި މިހާތަނަށް އެ ގައުމަށް މެޑެއްޔެއް ހޯދިފައެއް ނުވެ އެވެ. އޮލިމްޕިކް ގޭމްސްގައި މެޑެއްޔަކާ އެންމެ ގާތުގައި މިހާރު އުޅޭ އިންޑިއާގެ އެތުލީޓަކީ ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫ އެވެ. އަންހެނުންގެ ބެންމިންޓަން ސިންގަލްސްގެ ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހު އޭނާ ނުކުންނަން ޖެހޭނީ ޖަޕާނުގެ އޮކުހާރާއާ ދެކޮޅަށެވެ. އެ މެޗުން ބަލިވިޔަސް ލޯ މެޑެއްޔެއް ހޯދުމުގެ ފުރުސަތު ވެސް އޭނާ އަށް އޮންނާނެ އެވެ.

ޖިމްނާސްޓިކްސްގައި އިންޑިއާ އިން ވާދަކުރާ ޑިޕާ ކަރްމަކާރް ވެސް ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. އެ އިވެންޓުގެ ފައިނަލުގައި ވާދަކޮށް މެޑެއްޔެއް ނުހޯދުނު ނަމަވެސް، އިންޑިއާގެ ގިނަ ރައްޔިތުން އޭނާ ދައްކުވައިދިން ހިތްވަރަށް ތައުރީފުކޮށްފައިވެ އެވެ.