17 Aug 2016, 19:18
ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދިނުމަށް ފެންވަރުދަށް ޓީޗަރުން ނޫޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގެޒެކްޓިވް ޝެރީނާ އަބްދުލް ސަމަދު ވިދާޅުވީ، ފެންވަރުދަށް ޓީޗަރެއް ރާއްޖޭގައި އުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެފަދަ ޓީޗަރުން ފޮނުވާލަމުން އަންނަ ކަމަށެވެ. އެގޮތުން އެތައް ޓީޗަރުންނެއް މިއަހަރުވެސް ފޮނުވާލާފައިވާކަމަށް ވިދާޅުވިއެވެ.
"ޓީޗަރެއްގެ ފެންވަރު ދަށްވެގެން ހުށަހަޅައިފިނަމަ އެކަންކަން ބަލަން. ރާއްޖޭގައި ކިޔަވައިދޭން ފެންވަރު ދަށް ޓީޗަރުންނޫޅޭނެ،" ޝެރީނާ ވިދާޅުވިއެވެ.
ޓީޗަރުންގެ ފެންވަރުގައި މައްސަލައެއް އުޅޭނަމަ އެފަދަ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެތައް ޕްރޮގުރާމެއް ހިންގަމުން އަންނަ ކަމަށްވެސް ޝެރީން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނާއިރު ރާއްޖޭގައި ފެންވަރުދަށް ޓީޗަރުން އުޅޭކަމަށް ޓީޗާސް އެސޯސިއޭޝަންއާއި އެތައް ޓީޗަރުންނެއްވަނީ ބުނެފައެވެ.
ރާއްޖެއަށް ޓީޗަރުން ހޯދަން ރާއްޖެއިން ބޭރަށްދާ ޕެނަލްއިން ކޮރަޕްޝަންގެ ކަންކަން ހިންގައި ފެންވަރުދަށް ޓީޗަރުން ގެންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އެކަމާއި ގުޅޭގޮތުން ޝެރީން ވިދާޅުވީ، ޓީޗަރުންނާ އިންޓަވިއު ކުރަން ދަނީ އެ މިނިސްޓްރީން ކަނޑައަޅާ އިތުބާރު ކުރެވޭ ޓީމެއް ކަމަށާއި އެ ޓީމް އެކުލަވާލާފައިވާގޮތުން އެފަދަ ކަމެއް ކުރެވޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި އެޑިއުކޭޝަންއިން ކަނޑައަޅާ ނަތީޖާ ނުނެރެވޭ ޓީޗަރުންވެސް ފޮނުވާލަން ނިންމާފައިވާ ކަމަށް ޝެރީނާ ވިދާޅުވިއެވެ.