ކާބުލް : އެމެރިކާގެ ޢަސްކަރީ މަތިންދާ ބޯޓުތަކުން އަފްޣާނިސްތާނުގެ ދެކުނުގެ ހެލްމަންދު ސަރަޙައްދަށް ދިން ވައިގެ ޙަމަލާތަކެއްގައި އަފްޣާން ޢާންމުންގެ 14 މީހަކު މަރުވެ އިތުރުބަޔަކު ޒަޚަމްވެއްޖެވެ.

ހެލްމަންދުގެ ގަވަރނަރ ވިދާޅުވިގޮތުގައި އެމެރިކާގެ ވައިގެ ޙަމަލާތަކުގައި މަރުވި 14 މީހުންގެ ތެރޭގައި ހިމެނެނީ 7 ފިރިހެން ކުދިންނާއި 5 އަންހެން ކުދިންނާއި ދެ އަންހެނުން ކަމުގައެވެ. އެމެރިކާގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ހެލްމަންދުގެ ފަގީރު ހިސާބެއްގެ ދެގެއަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އަފްޣާނިސްތާނުގެ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް އެމެރިކާއިން މިޤަތްލު ޢާންމު ހިންގާފައިވަނީ ހެލްމަންދުގައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް ތާލިބާން ހަނގުރާމަވެރިންގެ ޙަމަލާތަކެއް އަމާޒުވިތާ އިރުކޮޅެއް ފަހުންކަމަށް އެސަރަޙައްދުގެ ޢާންމުން ބުނެއެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިންވެސް ހިމެނޭ ނޭޓޯގެ ކޮމާންޑުންބުނީ އެމެރިކާގެ ޙަމަލާތަކެއްގައި އަފްޣާން ޢާންމުންގެ ބަޔަކު މަރުވިކަމުގެ ޚަަބަރުލިބިފައިވާ ކަމަށާ މިކަން ތަޙްޤީޤްކުރާނެކަމުގައެވެ.

އެމެރިކާގެ ޙަމަލާތަކުގައި އަފްޣާން ޢާންމުން މަރުވުމަކީ ވަރަށް ގިނައިން ހިނގަމުންދާ ކަމެކެވެ. މިއީ އެމެރިކާ ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށް އަފްޣާން ރައްޔިތުން ސިފަކުރާއިރު އެމެރިކާ ބުނަމުން ގެންދަނީ މިއީ އޮޅިގެންދެވޭ ޙަމަލާތަކެއް ކަމަށާ ހަމަލާތައް އަމާޒުކުރަނީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައެވެ. ނަމަވެސް މިފަދަ ޙަމަލާތައް ތަޙްޤީޤްކުރާނެ ކަމަށް ބުނެ ބަޔާނެއް ނެރުމުގެ އިތުރުން އެމެރިކާވެސް އަދި ނޭޓޯވެސް ކުރާ އެހެެން ކަމެއްނޯވެއެވެ.
އެމެރިކާއާއި ނޭޓޯގެ ޙަމަލާތަކުގައި އަފްޣާން އާންމުން ގިނަ ޢަދަދަކަށް މަރުވަމުންދާތީ އަފްޣާން ޢާންމުންގެ މެދުގައިވަނީ އެމެރިކާއަށް ނުރުހުމާއި ނަފްރަތުގެ ޝުއޫރުތައް ވަރަށް ބޮޑަށް އުފެދިފައެވެ.

އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއިވަނީ އަފްޣާން އާންމުން މަރަމުންގެންދާ މައްސަލާގައި އެމެރިކާ ކުށްވެރިކުރައްވައި އެތަށްފަހަރަކު ވާހަކަ ދައްކަވާފައެވެ. އާންމުން މެރުމުގައި ޒިންމާވާ އެމެރިކާ ސފައިންނަށް އަދަބު ދިނުމަށާއި މަރުވާމީހުންގެ ޢާއިލާތަކަށް ބަދަލު ދިނުމަށް ކަރްޒާއި ގޮވާލައްވާފައިވާ ގޮވާލެއްވުމަށް އެމެރިކާ ދެނީ ބީރުކަންފަތެކެވެ. -- ނޫސްއެޖެންސީތައް / ޖަވާދު