17 Aug 2016, 16:48
ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މަރުގެ މައްސަލައިގެ ހުކުމް އަންނަ ހަފްތާގެ ތެރޭގައި އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.
އެ މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް އުފުލާފައިވާ ވައްކަންކުރުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ބާރީ ވިދާޅުވީ މިއަދު އެ އަޑުއެހުން ބޭއްވި އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް ކަމަށާއި އަންނަ ހަފްތާގައި ޓެރަރިޒަމް މައްސަލައިގެ ވެސް ހުކުމް އިއްވާނެ ކަމަށެވެ.
"އަންނަ ހަފްތާގެ ތެރޭގައި ދެ މައްސަލަ ވެސް އަޅުގަނޑު ނިންމާނަން،" ބާރީ ވިދާޅުވިއެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ހއ. ހޯރަފުށީ އުންމީދީ މަންޒިލް އަހްމަދު އިބްރާހީމާއި އެރަށު ސޯސަންވިލާ ނުއުމާން އަބްދުﷲގެ އިތުރުން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށެވެ.
މިއަދުގެ އަޑުއެހުމުގައި ވައްކަމުގެ މައްސަލައިގެ އަދަބާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސިކިއުޓާ އާލިއާ އަބްދުއްސަމަދު ވިދާޅުވީ ހުސޭނުބޭގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ފައިސާގެ އަދަދު 50،000 އަށް ވުރެ ބޮޑުވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އެމީހުންގެ މައްޗަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަސް ކަމަށެވެ. އަދި އެމީހުންގެ މައްޗަށް އިތުރު ދައުވާއެއް އުފުލާފައިވާތީ ކަނޑައަޅަންޖެހޭނީ އެ އަދަބުގެ ދެބައި ކުޅަ އެއްބައި ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުން ދެކޭގޮތުގައި އެމީހުންގެ މައްޗަށް ކަނޑައެޅަންޖެހޭ އަދަބަކީ އެއް އަހަރާއި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުވާ ލިބޭ ނުއުމާންގެ ވަކީލު އަލީ ޝާހު ވިދާޅުވީ ހުސޭނުބޭގެ ގެއިން ވައްކަންކުރި ކަމަށް ބުނާއިރު އެގޭގައި ފައިސާ ހުރިކަން ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން ވައްކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ކުށްސާބިތުވާާނަމަ އެންމެ ކުޑަ އަދަބު ނުއުމާނަށް ކަނޑައަޅައި ދިނުމަށް ވެސް ޝާހު ވަނީ އެދިވަޑައިގެންފައެވެ.
ދައުވާ ލިބޭ މުހައްމަދު ލަތީފް ބުނީ އޭނާ އަށް ވެސް އެންމެ ކުޑައަދަބު ދިނުމަށް އެދޭ ކަމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި އަހުމަދު އިބްރާހީމް ބުނީ ދައުވާގައި ބުނާ ވައްކަމަކީ އޭނާ ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ވައްކަމުގެ ދައުވާގައި ބުނަނީ ސެޕްޓެންބަރު 27، 2010، ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު އެ ތިން މީހުން ހުސޭނުބޭ ދިރިއުޅޭ ގެއިން 100000 އަށް ވުރެ ގިނަ ރުފިޔާ އާއި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި 20 ޔޫރޯ އާއި 11 ޕައުންޑާއި 10 އިންޑިއަން ރުޕީޒް ވަގަށް ނަފާފައިވާ ކަމަށެވެ.
ހުސޭނުބޭ މަރުވެފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ އޭނާ ރަހީނުކޮށް ފަޅުގޯއްޗަކަށް އެއްލާލުމަށްފަހު އަނގަޔަށް ގިނައަދަދެއްގެ ވެލިތަކެއް ލުމުން ނޭވާ ހާސްވެގެން ކަމަށް ދައުލަތުން ވަނީ ކުރިން ބުނެފައެވެ. އެ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައި އަޑުއެހުންތައް ނިންމާލާފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ.