17 Aug 2016, 16:47
ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ވޯޓު ނުދެއްވީ އެ ބިލު ގާނޫނުއަސާސީއާ ތައާރަޒު ވާތީ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވީ 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.
ހުސައިން މަނިކު "ސަން"އަށް މިއަދު ވިދާޅުވީ އޭނާ އެ އިސްލާހަށް ވޯޓު ނުދެއްވީ އެ އިސްލާހާ ދޭތެރޭ އޭނާ ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ. އަދި ވިދާޅުވީ އެ އިސްލާހަކީ ގާނޫނު އަސާސީއާ ތައާރަޒުވާ އިސްލާހެއް ކަމަށާއި އެ ބިލު މަޖިލީހުން ފާސްކުރުމާމެދު ހިންހަމަނުޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވެސް ދަންނަވާފައިވާނެ ކަމަށް ހުސައިން މަނިކު ވިދާޅުވި އެވެ.
މިއަދު މަޖިލީހުން ފާސްކުރި އެ ބިލާ ދެކޮޅަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ދެ މެމްބަރަކު ވޯޓު ދެއްވި އެވެ. އެއީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން، ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ. ސަރުކާރު މެމްބަރު ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވޯޓު ދެއްވީ ވަކިކޮޅަކަށް ނުޖެހި އެވެ.
ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނަށް މިއަދު މަޖިލީހުން ގެނެސްފައިވާ އިސްލާހު ފާސްކުރުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ހަތަރު މެމްބަރަކު ވެސް ވޯޓު ދެއްވި އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރު ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު މުހައްމަދު ވޯޓު ދެއްވީ ވަކިކޮޅަކަށް ނުޖެހި އެވެ.

ތ. ގުރައިދޫ ދާއިރާގެ މަޖިލީސް މެމްބަރު ހުސައިން މަނިކު ދޮންމަނިކު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ/ މަޖިލިސް
މަޖިލީހުން ފާސްކުރި ބިލުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން އެއްވުންތަކާއި ހިނގާލުމާއި އުޅަނދު ބުރު މާލޭގައި ބޭއްވޭނެ ތަންތަނުގެ ލިސްޓު ހޯމް މިނިސްޓްރީން ކަނޑައަޅާނީ އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ 30 ދުވަސް ފަހުން ކަމަށެވެ. އަދި އެ ލިސްޓަށް އުނި އިތުރެއް ގެނައުމުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަންޖެހޭ ގޮތަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.