މާލޭގައި ދުއްވާއެއްޗެހި ވަނުން މަނާކޮށް ހިނގާފައި އުޅޭގޮތަށް ހަމަޖައްސާފައިވާ ބައެއް މަގުތަކުގެ ލޭންޑްސްކޭޕިންގް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުތަކެއްގައި ވަނީ، މިހާތަނަށް މާލޭގައި ހިނގާފައި އުޅޭގޮތަށް ހަމަޖައްސާފައިވާ މަގުތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

އެ އިއުލާންގައި ބުނީ، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް މިކަމަށް ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށެވެ.

ލޭންޑްސްކޭޕިން ހަދަން ބޭނުންވާ މަގުތަކަކީ

  • ޝަހީދު އަލީ ގޯޅި
  • އަލަމާ ގޯޅި
  • ހަލަވެލި ގޯޅި
  • އެނބޫ ގޯޅި
  • ގުލްއަލާ ގޯޅި
  • ފަރީދީ ގޯޅި
  • ފުލޫނިޔާ ގޯޅި

މި ގޯޅިތަކުގެ ލޭންޑްސްކޭޕިން މަސައްކަތް، ހައުސިންގް މިނިސްޓްރީން ދޭ ކުރެހުމަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު މިނިސްޓްރީއިން މައުލޫމާތު ޝީޓު ލިބެން ހުންނާނެ ކަމަށާއި، ޕްރީބިޑް މީޓީންގް އަންނަ ހަފްތާގެ އަންގާރަ ދުވަހު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ބިޑު ހުށަހެޅުން، އޯގަސްޓް 31 ވަނަ ދުވަހު އޮންނާނެ ކަމާށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.