17 Aug 2016, 16:15
މާލެ ވިޔަފާރި ބަނދަރަށް ބާލައި، ވެރިފަރާތުން މިހާތަނަށް ނުގެންގޮސް ގިނަ ދުވަސް ވެފައިވާ މުދާތަކުގެ ލިސްޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އާންމުކޮށްފި އެވެ.
އެމްޕީއެލް އިން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިއުލާން ކުރި ތާރީޚުން (ހޯމަ ދުވަހުން) ފެށިގެން ހަތް ދުވަސް ތެރޭގައި، ލިސްޓުގައި ހުރި މުދާތައް ގެންގޮސް ސަރައްހަދު ކްލިއާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ އެ މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފި ނަމަ، އެމްޕީއެލްގައި ހަމަޖެހިފައިވާ ގަވައިދުގެ ދަށުން އެތަކެތި ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ. އަދި ނީލަމުގައި ވިއްކާނުލެވޭ މުދާތައް ނައްތާލާނެ ކަމަށާއި ނައްތާލުމަށް ހިނގާ ޚަރަދުތައް، މުދަލުގެ ވެރިފަރާތަށް ބިލު ކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ލިސްޓުގައި، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްޕީއެލްއަށް މުދާ ބާލައި، އެތަކެތި ނުގެންގޮސްފައިވާ ގިނަ ފަރާތްތަކެއް ހިމެނެ އެވެ. އެގޮތުން، ޖުމްލަ 64 ފަރާތެއް ލިސްޓު ކޮށްފައިވާ އިރު، އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.