17 Aug 2016, 16:10
ފުލުހުންގެ ހުއްދަ ނުހޯދައި މުޒާހަރާ ނުކުރެވޭ ގޮތަށް ގާނޫނަށް މިއަދު ގެނައި އިސްލާހަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި އެވެ.
އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުން މަޖިލިސް ކައިރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިބޫ ވިދާޅުވީ، މިއަދު ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ފުށުއަރާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ޖެހޭ ގާނޫނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ހުރަސްތަކެއް އަޅަމުން އެގެންދަވަނީ. އެވެސް ގާނޫނާ ހިލާފަށް އެބޭފުޅުން [ފުލުހުން] ކުރައްވަމުން ގެންދަވާ ކަމެއް. އަޅުނގަޑުމެންގެ ހިޔާލު ފާޅުކުރުމާއި ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން އަޅުނގަޑުމެން ކުރާނަން. ގާނޫނު އަސާސީ ހޯދީ ވެސް އެއްވެ މުޒާހަރާ ކޮށްގެން،" އިބޫ ވިދާޅުވި އެވެ.
ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ. އަދި އެތަންތަނުގެ ލިސްޓު އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ 30 ދުވަސް ފަހުން ހޯމް މިނިސްޓްރީން ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަން ޖެހޭ ގޮތަށް މަޖިލީހުން މިއަދު ފާސްކުރި އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.
"ގާނޫނު އަސާސީއަށް އިސްލާހު ގެނެއުމުގެ މާއްދާގައި ވެސް ބުނެފައި އެބައޮތް އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓުން ކަމަށް،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިހާރު ފާސްކުރަމުންދާ ބިލްތަކަކީ ދެކޮޅުނު ޖެހޭ އެއްވެސް ގާނޫނީ ހަމައަކަށް ނުފެތޭ ބިލްތަކެއް ކަމަށެވެ.
"ގާނޫނަށް މިއަދު ގެނައި އިސްލާހު ފަދަ ގާނޫނު އަސާސީއާ ހިލާފަށް ފާސްކުރާ މިފަދަ ގާނޫނުތަކަށް ރައްޔިތުން ތަބާވާކަށް ނުޖެހޭނެ،" އިންތި ވިދާޅުވި އެވެ.