17 Aug 2016, 16:35
ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރުމާ ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓު ދެއްވައިފި އެވެ.
މިއަދުގެ ޖަލްސާގައި ޖޭޕީގެ އެއްވެސް މެމްބަރަކު އެ ބިލު ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.
ސަރުކާރު ކޯލިޝަންގެ ދެ މެމްބަރަކު ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހި ޕީޕީއެމްގެ ދެ މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.
ސަރުކާރު މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން، ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ.
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ވަކިކޮޅަކަށް ނުޖެހި ވޯޓު ދެއްވާފަ އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ވެސް އެ ވޯޓުގައި ވަކިކޮޅަކަށް ނުޖެހި ވޯޓު ދެއްވި އެވެ. ނަމަވެސް އޭނާ ވަނީ ސަރުކާރުން ހުށަހެޅި އެހެން ބިލުތައް ތަޅުމުން މިއަދު ފާސްކުރަން ވޯޓު ދެއްވާފަ އެވެ.
ހުސައިން މަނިކު ދޮން މަނިކު "ސަން"އަށް މިއަދު ވިދާޅުވީ އޭނާ އެ އިސްލާހަށް ވޯޓު ނުދެއްވީ އެ އިސްލާހާ ދޭތެރޭ އޭނާ ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވީ 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.
މަޖިލީހުން ފާސް ކުރި ބިލުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން އެއްވުންތަކާއި ހިނގާލުމާއި އުޅަނދު ބުރު މާލޭގައި ބޭއްވޭނެ ތަންތަނުގެ ލިސްޓު ހޯމް މިނިސްޓްރީން ކަނޑައަޅާނީ އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ 30 ދުވަސް ފަހުން ކަމަށެވެ. އަދި އެ ލިސްޓަށް އުނިއިތުރެއް ގެނައުމުގެ 30 ދުވަސް ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަންޖެހޭ ގޮތަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.