17 Aug 2016, 15:12
ކުޅިވަރާ ގުޅުންހުރި ސާމާނު ވިއްކާ އޯލް ސްޕޯޓްސްއިން، އެކުންފުނީގެ އަމިއްލަ ޑިޒައިނަކަށް ހަދާފައިވާ ޖާޒީތަކެއް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
އޯލް ސްޕޯޓްސް އިން މައުލޫމާތު ދޭ ގޮތުގައި ތައިލެންޑްގެ ގްރޭންޑް ސްޕޯޓްސް ކުންފުނިން ހެދި މި ޖާޒީތައް މިހާރު އޯލް ސްޕޯޓްސްއިން ގަންނަން ލިބެން ހުންނާނެ އެވެ.
އޯލް ސްޕޯޓްސްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، ދިވެހި ޑިޒައިނަރެއްގެ ޑިޒައިނަށް އުފައްދާފައިވާ މި ޖާޒީތައް، އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަކޮށް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސޮފްޓެކްސް ނަމަކަށް ކިޔާ މެޓީރިއަލަކުން އުފައްދާފައިވާ މި ޖާޒީތައް އެކި ކުލަކުލައިން ލިބެން ހުންނާނެ ކަމަށެވެ.
އަދި އޭގެ މެޓީރިއަލާއި ކޮލިޓީއަށް ބަލާފައި ވަރަށް ރަނގަޅު އަގެއްގައި ޖާޒީތައް ގަންނަން ލިބޭނެ ކަމަށް އޯލް ސްޕޯޓްސްއިން ބުނެ އެވެ.
އޯލް ސްޕޯޓްސްއިން ބުނާ ގޮތުގައި، ކޮންމެ ތިން މަހަކުން އެއް މަހަކު އެ ކުންފުނިން ދާނީ، އަމިއްލަ ޑިޒައިނަށް ޖާޒީ އުފެއްދުމަށް ފަހު ރާއްޖެއަށް ވިއްކަން ގެންނަމުންނެވެ.
ގްރޭންޑް ސްޕޯޓްސްއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ސްޕޯޓްސްވެއާ އަދި ކުޅިވަރާ ގުޅުން ހުރި ސާމާނު އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެގޮތުން، ތައިލެންޑުގެ ހުރިހާ ކުޅިވަރެއްގެ ގައުމީ ޓީމުތަކުގެ ޖާޒީ ކިޓުގެ އިތުރުން ތައިލެންޑާއި ސްރީލަންކާއާއި ވިއެޓްނާމްގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ޖާޒީ ކިޓު ސްޕޮންސާ ކޮށްފައި ވަނީ ގްރޭންޑް ސްޕޯޓްސްއިންނެވެ.