އާސަންދަ ކުންފުނީގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރާ ކެންސާ ސެންޓަރަށް ބޭނުންވާ ދިވެހި ޑޮކްޓަރުންނަށް ތަމްރީނާއި ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމް ކުރާ ކެންސާ ސެންޓަރުގައި މަސައްކަތް ކުރުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ ފުރުސަތުދެވޭ ފަރާތްތަކަށް އިންޑިޔާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ކެންސަރު ބަލީގެ ފަރުވާއާ ގުޅޭ ހާއްސަ ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.

އޭގެ އިތުރުން އެ ޑޮކްޓަރުންނަށް މުސާރަ އާއި އިނާޔަތް ދެވޭނީ މިނިސްޓްރީ އޮފް ހެލްތުން ޑޮކްޓަރުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑާއި އެއްގޮތަށް ކަމަށާއި ތަމްރީން ދިނުމަށްފަހު އިތުރު އިނާޔަތް ފޯރުކޮށްދެވޭނެ ކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެ އެވެ.

"މިކުންފުނީގެ އަބަދުވެސް ވިސްނުމަކީ ދިވެހިން ބިނާކޮށް، އަލަށް ތަޢާރަފް ކުރެވޭ މިފަދަ ޚިދުމަތްތަކުގައި ދިވެހިން ޝާމިލްކޮށް، މިފަދަ ފުރުޞަތުތައް ދިވެހިންނަށް ފަހިކޮށްދިނުން ކަމުގައިވާތީ، މިފުރުޞަތު ހުޅުވިފައި ވަނީ ދިވެހިންނަށް އެކަނި ކަމުގައި ދެންނެވީމެވެ،" އާސަންދަ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 31 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖްރިބާ އާއި ގުޅުންހުރި ލިޔުންތައް އަދި ސީވީ އެކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގގެ ތިން ވަނަ ފަންގިފިލާއަށް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.

އީމެއިލްގެ ޒަރީޢާއިންނަމަ[email protected]އަށް މެއިލް ކުރުން އެދޭ ކަމަށާއި އިތުރު މައުލޫމާތު ބޭނުންނަމަ 1400 އަށް ގުޅުމުން ލިބޭނެ ކަމަށް އާސަންދަ ކުންފުނީގެ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.