17 Aug 2016, 15:18
މި އަހަރުގެ ގައުމީ އިނާމަށް 77 ފޯމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް 58 ފޯމް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއަހަރުގެ ގައުމީ އިނާމަށާއި ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
ގައުމީ އިނާމާއި ޚާއްސަ އިނާމު ދިނުން އޮންނާނީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ގައުމީ އިނާމު ކޮމިޓީގެ މުގައްރިރު އަބްދުލްރަޝީދު ހުސައިން މީގެ ކުރިން ވިދާޅުވީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދޭ އިރު، މައިގަނޑު 31 ދާއިރާއަކުން އިނާމު ދެވޭނެ ކަމަށެވެ.
މި އަހަރު އެންމެ ބޮޑު ބަދަލުތަކެއް ހުންނާނީ އިޖްތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ދެވޭ އިނާމުތައް ކަމަށް އަބްދުލްރަޝީދު ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން، މަތީ ދަރަޖަ ހާސިލުކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ފަސް ގިންތިއަކުން ދެވޭނެ އެވެ.
ޚާއްސަ އިނާމު ދެވޭ ފަސް ގިންތި
ޕީއެޗްޑީ ހާސިލުކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބެއް ލިބިފައިވާ ފަރާތްތައް.
- މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތައް.
- ބައިނަލްއަގުވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދުން
- ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށް ސައިންޓިފިކް އިލްމީ ދިރާސާއެއް، ނުވަތަ އާދަޔާޚިލާފު މަސައްކަތެއް ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަ ކޮށްލެވޭ ކާމިޔާބެއް ހޯދާ ފަރާތްތައް.
- ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުމުގެ މުބާރާތް.
ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ލާބަ އާއި މަންފާއަށް ޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށް ޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ މަގްސަދުގައިދޭ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމު ދެއްވަނީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމުގެ އިތުރުން އުފެއްދުންތެރިކަމާއި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލުކޮށް އެ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގްސަދުގަ އެވެ.