17 Aug 2016, 15:26
ޕޭމަންޓް ސިސްޓަމްތަކާ ބެހޭ ބިލުގެ ނަމުގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސްކުރަން ނުފެންނަ ކަމަށް އެ ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމެޓީން ނިންމުމުން މަޖިލީހުގެ ތަޅުމުން އެ ބިލު ބޭރުކޮށްލައިފި އެވެ.
ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ 47 މެމްބަރުންގެ ވޯޓުން ނެވެ.
ރިޔާޒު ހުށަހެޅުއްވި ޕޭމަންޓް ސިސްޓަމުގެ ބިލު ދިރާސާކުރި އިގްތިސާދީ ކޮމެޓީން ބިލު ފާސްކުރަން ނުފެންނަ ކަމަށް ނިންމީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭތީ އެވެ.
ރިޔާޒު ރަޝީދު ހުށަހެޅުއްވި އެ ބިލަކީ ރާއްޖޭގައި ހިންގާ ޕޭމަންޓް ސިސްޓަމްތަކާއި ސިކެއުރިޓީސް ސެޓުލްމަންޓް ސިސްޓަމްތަކާއި ކްލިޔަރިން ހައުސްތަކާއި ޕޭމަންޓް ސްކީމްތަކަށް ފައިނޭންސް ދޫކުރުމާ ބެހޭ އުސޫލްތަކާއި ސިސްޓަމްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާއި ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި ސިސްޓަމްތައް ހިންގުމަށް ޓަކައި އަމަލު ކުރަން ޖެހޭ އުސޫލްތައް ގާއިމް ކުރުމުގެ ބިލެކެވެ.
ބިލުގައި ބުނެފައި ވަނީ އެމްއެމްއޭ އިން ދޫކުރާ ލައިސަންސެއް ލިބިގެން ނޫނީ އެއްވެސް މީހަކަށް ނުވަތަ ގާނޫނީ ޝަހަސަކަށް ރާއްޖޭގައި ސިސްޓަމެއް ނުހިންގޭނެ ކަމަށެވެ.
ރިޔާޒު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އެފަދަ ސިސްޓަމެއް ހިންގަން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ސިސްޓަމް އޮޕަރޭޓް ކުރަން ނުފަށައިފި ނަމަ، ނުވަތަ އެއް މަސް ވަންދެން ސިސްޓަމް ހިންގުން ހުއްޓާލާފައިވާ ނަމަ ލައިސަންސް ބާތިލްވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައިވާ ގޮތުން އެބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން އެ ގާނޫނާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ އަދަބު ކަނޑައެޅުމުގެ ބާރު ލިބިގެންވެ އެވެ.