ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ އިސްލާހު ފާސްކުރީ 41 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 25 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިދޭސީންގެ އަތުން ނެގުމަށް އެ ބިލުގައި ބުނެފައިވާ ޓެކްސްގެ ނަމަކީ "ރެމިޓެންސް ޓެކްސް" އެވެ. އިސްލާހުގައި ކުރިން ބުނެފައި ވަނީ އެ ޓެކްސް ނަގަން ފަށާނީ ޖޫން މަހުން ފެށިގެން ކަމަށެވެ. ނަމަވެސް ކޮމެޓީން އެ ބިލު ދިރާސާ ކުރެއްވިއިރު އެހެން ބުނެފައިވާ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ. ކޮމެޓީން މިހާރު ވަނީ އެ ޓެކްސް ނެގުން އޮކްޓޫބަރު މަހަށް ބަދަލުކޮށްފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަން ޖެހޭނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައި ދިނުމުގެ ހިދުތަމް ދޭ ބޭންކުތަކާއި އެެހެނިހެން ފަރާތްތަކުން ކަމަށެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މީހުންގެ ތެރެއިން ޓެކްސް ދައްކަން ލާޒިމް ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާއެއް ލިބިފައި ނެތް ކަމުގައިވިޔަސް، ވިސާގެ މުއްދަތު ހަމަވެފައިވީ ކަމުގައި ވިޔަސް ވޯކް ވިސާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.

ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮންމެ މަހަކު މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެކުލަވައިލާ ބަޔާނެއް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ޓެކުހުގެ ފައިސާ އެ މުއްދަތުގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަަމަށް އިސްލާހުގައިވެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.

އެ ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް މަސައްކަތެއް ކޮށްފިނަަމަ ނުވަތަ އެފަދަ ކަމަަކަށް އެހީތެރިވެއްޖެނަމަ ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނުގެ ދަށުން ވާކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި ވާކް ވީޒާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ސާވިސް ޗާޖު އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ.

އިސްލާހުގައި ބުނީ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވުމަށް ގާނޫނުން އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތު ވަޒީފާދޭ ފަރާތުން ދޭންޖެހޭނެ ކަމަށެވެ. އިސްލާހު މަޖިލީހަށް ހުށަހެޅުއްވިއިރު ބުނެފައި ވަނީ ބިދޭސީން ބޭންކު އެކައުންޓު ހުޅުވުމަށް ހަ މަސް ދުވަސް ދޭންޖެހޭނެ ކަމަށެވެ.

ނަމަވެސް މިއަދު އޮތް ރައްޔިތުން މަޖިލީހުގައި ކޮމެޓީ ރިޕޯޓަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވަނީ އެހެން ބުނެފައިވާ މާއްދާއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އަދި އެ އިސްލާހު މަޖިލީހުން މިއަދު ވަނީ ފާސްވެސް ކޮށްފަ އެވެ.

އަސްމާގެ އިތުރުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވެސް ވަނީ ކޮމެޓީ ރިޕޯޓަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. ޖަމީލު އުސްމާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ރާއްޖެއަށް ގެނައުމުގެ ކުރިން އެމްޕްލޯއިމަންޓު އެޕްރޫވަލް ގާނޫނުގައި ބުނެފައިވާ ގޮތަށް ހޯދަން ވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ ބިދޭސީ މީހާ ރާއްޖެ ގެންނަ ފަރާތުން ގާނޫނުގައި ބުނެފައިވާ ޑިޕޮސިޓް ފައިސާ ކަމާ ގުޅޭ މުއައްސަސާގައި ބަހައްޓަންވާނެ ކަމަށެވެ.