ސިޔާސީ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ސިޔާސީ ފަރާތްތަކުން ރާއްޖޭގައި އިސްލާމިކް ސުޓޭޓް (އައިއެސް) ޖަމާއަތް ހަރަކާތްތެރިވޭތޯ އަަހައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ރާއްޖެއަށް އިންވެސްޓް ކުރަން އަންނަ ގިނަ ފަރާތްތަކުގެ ހިތްތަކުގައި މިއަދު އުފެދިފައިވާ ބިރުވެރިކަމަކީ ރާއްޖޭގައި އައިއެސް އުޅޭކަމަށް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ކަމަށެވެ.

"ސިޔާސީ ގޮތުން އިގްތިސާދަށް ގެއްލުންދޭކަށް ނުޖެހޭ، މުޅިން މިފެންނަނީ ޒާތީ ކަންކަން ނަގައިގެން މަސައްކަތް ކުރާތަން،" އާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގައުމުގައި ބަގާވާތްކުރާ ފަދަ ވާހަކަ ދެއްކުމަކީ އިގްތިސާދީގޮތުން އޮތް ގޮންޖެހުމެއް ކަމަށާއި އިގްތިސާދަށް ގެއްލުން ނުދީ ސިޔާސީ ހަރަކާތްތައް ހިންގުމުމުގެ ގާބިލުކަން ހުންނަން ޖެހޭ ކަމަށެވެ.

އާސިފް ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންނަމަ ރަނގަޅު އިގްތިސާދީ އެޖެންޑާއެއް ހިފައިގެން އައިސް އެވިއްކަން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގައި އައިއެސް ފަރާތްތަކާއި ހަރުކަށި ޖަމާއަތްތައް އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ އަޑުފަތުރަމުންނެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެ ތުހުމަތުތަކާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަން މޯލްޑިވްސް ޔުނައިޓެޑް އޮޕޮސެޝަން(އުމްޔޫއޯ) އަށް ނިސްބަތްވާ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ އަގު ވެއްޓެމުންދަނީ ސަރުކާރުން ޑިމޮކުރަސީއާއި ހިލާފަށް ކުރަމުންދާ ކަންކަމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި އައިއެސް އޮތްކަމަށް ދެކެވޭ ވާހަކަތަކަކީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ނޫން ކަމަށާއި އެއީ ސަރުކާރުން ހާމަކުރާ ތަފާސް ހިސާބްތައް ކަމަށް އޭނާ ވިދާޅުވިއެވެ.