އާބާދީގައި 3000 ހަމަނުވާ ރަށްރަށުގެ ކައުންސިލުތަކަށް ތިން މެމްބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުގެ ޖަލްސާއިން މިއަދު ފާސްކޮށްފި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސައުދު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

ލޯކަލް ކައުންސިލުގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު އާބާދީއެއް އޮންނަ ރަށު ކައުންސިލުތަކަށް ފަސް މެމްބަރުން މަދުވެގެން އައްޔަން ކުރަންވާނެ ކަމަށެވެ.

ސައުދު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލުގެ ގާނޫނަށް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އުނި ކުރުމަށެވެ. އެ މާއްދާގައި މިހާރު ބުނެފައި ވަނީ 3000 އާ 10،000 ދެމެދުގެ އާބާދީއެއް ހިމެނޭ ރަށު ކައުންސިލުތަކަށް 7 މެމްބަރުން އައްޔަން ކުރަންޖެހޭނެ ކަމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެމްބަރުން އިންތިހާބުކުރާއިރު ދެ އިންތިހާބީ ދާއިރާއަކަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރެއް ކަމަށެވެ.

އެ އިސްލާހުގައި އަދި ބުނެފައި ވަނީ ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން މެމްބަރުން ކަމަށެވެ.