17 Aug 2016, 13:49
ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވީ 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތަޅުމުގައި އިންނެވި އެވެ.
މަޖިލީހުން ފާސްކުރި ބިލުގައި ބުނެފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން އެއްވުންތަކާއި ހިނގާލުމާއި އުޅަނދު ބުރު މާލޭގައި ބޭއްވޭނެ ތަންތަނުގެ ލިސްޓު ހޯމް މިނިސްޓްރީން ކަނޑައަޅާނީ އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ 30 ދުވަސް ފަހުން ކަމަށެވެ. އަދި އެ ލިސްޓަށް އުނިއިތުރެއް ގެނައުމުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރަންޖެހޭ ގޮތަށް މަޖިލީހުން މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.