17 Aug 2016, 13:57
ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނެ ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 40 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހު ފާސްކުރުމާ ދެކޮޅަށް 25 މެމްބަރަކު ވޯޓު ދެއްވި އެވެ.
އިބްރާހިމް ދީދީ ހުށަހަޅުއްވާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.
އިބްރާހިމް ދީދީ އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމަތުގެ ތެރޭގައި އެފަރާތްތަކުގެ އިނގިލީގެ ނިޝާން އޮންނަންވާނެ ކަމަށެވެ.
އަދި އެކަން އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް 2013ގެ ކުރިން ޕާޓީތަކާ ގުޅިފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާތީ، ސިޔާސީ ޕާޓީގެ ދަފުތަރުގައި ހިމެނޭ ހުރިހާ މެމްބަރުންގެ ސައްހަކަން އެއް އުސޫލަކުން ކަށަވަރު ކުރެވޭނެ އުސޫލެއް ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފަފައިވުމަކީ ވެސް އޭނާ އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
ދީދީ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޕާޓީގެ މެމްބަރަކަށްވުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކުން އެ މީހެއްގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއި އަދި އެ މީހެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެ ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތް ކުރަންވާނީ، އެ މުއްދަތުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ކަމަށެވެ.