ރެއާލް މެޑްރިޑުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ސެންޓިއާގޯ ބާނަބިއު މެޗު 5-3ގެ ނަތީޖާ އަކުން ރެއިމްސް ބަލިކޮށް ރެއާލްއިން ޓްރޮފީ ކާމިޔާބު ކޮށްފި އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑުން ދުނިޔޭގެ މަސްޚޫރު ލީގްތަކުގެ ކުލަބް ތަކަށް ދައުވަތު ދީގެން ކުރިއަށް ގެންދާ ބާނަބިއު ޓްރޮފީ މެޗް ރެއާލް މެޑްރިޑުން ވަނީ 26 ފަހަރު ކާމިޔާބް ކޮށްފަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސް އާއި ޖޭމްސް ރޮޑްރިގޭޒް އާއި އަލްވާރޯ މޮރާޓޯ އާއި މަރިއާނޯ އިތުރުން ނަޗޯ އެވެ. ރެއިމްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕަބްލޯ ޗަވަރިއާ އާއި ގްރެޖޯންގެ އިތުރުން ރެމީ އޯޑިންގެ އެވެ.

ބާނަބިއު ޓްރޮފީ މެޗުގައި ރެއާލް މެޑްރިޑް އާއި ރެއިމްސް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރެއާލް މެޑްރިޑް

އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފަހު މެޗުގެ ގޮތުގައި އެ މެޗު ވެފައިވާ އިރު ރޭގެ މެޗުގައި ވަނީ ރެއާލްގެ ގެރެތް ބޭލް އާއި ޓޮނީ ކުރޫސް ވެސް ކުޅެފަ އެވެ.

"ރެއާލް މެޑްރިޑުން މި ވަނީ ކުރިއަށް އޮތް ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ކުޅުންތެރިން ވެސް ތިބީ ވަރަށް ރަނގަޅު ފޯމެއްގައި. އެ މެޗުން ވެސް ފެނިގެން ގޮސްފި ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮށް ކަން،" ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.

ޒިދާން ބުނީ ރެއާލް މެޑްރިޑްގައި އޭނާ އަށް ލިބިފައިވާ ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށާއި މިމަހު 31 ގައި ޓްރާންސްފާގެ ދޮރު ބަންދުވާއިރު ދެން ޓީމަށް އިތުރު ކުޅުންތެރިއެއް ނުގެންނޭނެ ކަމަށެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް ނިކުންނާނީ ރެއާލް ސޮސައިޑޭޑްއާ ދެކޮޅަށެވެ.