ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި ބަލަމުންދިޔަ މިންގަނޑު ބަދަލުކޮށް، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މިއަހަރުން ފެށިގެން ޝަރަފްވެރިކަމުގެ އިނާމަށް ކުރިމަތިލާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ އިނާމު ދިނުމުގައި ބަލާނެ މުއްދަތަކީ އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ހިދުމަތްކޮށްފައިވުން ކަމަށެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ހިދުމަތުގައި އެކު ޖުމްލަ 10 އަހަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމުގައި އެ ކޮމިޓީން ބުނެ އެވެ.

އަދި ޝަރަފުވެރިކަމުގެ އިނާމަށް ކުރިމަތިލާ މުއައްސަސާއަކީ ހިތްވަރު ދިނުމުގެ އިނާމް ލިބުނުތާ 10 އަހަރުވެފައި، ހިދުމަތްދެމުންގެންދާތާ މަދުވެގެން 35 އަހަރުވެފައިވާ މުއައްސަސާއަކަށްވާންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

މީގެ ކުރިން ޝަރަފުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ހިދުމަތުގައި މަދުވެގެން 25 އަހަރުވެފައިވާ އަމިއްލަ ފަރުދުންނަށާއި މުއައްސަސާތަކަށެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނިގޮތުގައި، ހިތްވަރުދިނުމުގެ އިނާމަށް ކުރިމަތިލުމަށް މިއަހަރުން ފެށިގެން ޝަރުތުހަމަވާނީ ހިދުމަތުގައި މަދުވެގެން 10 އަހަރުވެފައިވާ އަމިއްލަ ފަރުދުންނާއި މުއައްސަސާތަކެވެ. ކުރިން ބަލަނީ މަދުވެގެން ފަސް އަހަރަށެވެ.

މީގެ އިތުރުން، ގައުމީ އިނާމް ދެމުން ގެންދިޔަ ދާއިރާތަކުން ފާހަގަކޮށްލެވޭ ރޮނގުތައް ވެސް ހާމަކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"މިފަހަރު ގެނެވުނު އެންމެ މުހިއްމު ބަދަލަކީ އިނާމު ދެމުން ގެންދާ ދާއިރާ ތަކުގެ ރޮނގުތައް ވެސް ހާމަކުރުމެވެ. މިދިޔަ އަހަރު ހާމަކޮށްފައި ވަނީ ހަމަ އެކަނި އެދާއިރާތަކެވެ. ރޮނގުތައް ހާމަކުރުމުގައި ކަމާބެހޭ ދާއިރާތަކުގެ ލަފައާ މަޝްވަރާ ވަނީ ހޯދައިފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ދެ އަހަރު އިނާމް ދީފައިވަނީ 23 ދާއިރާއަކުން ނަމަވެސް، މިހާރު ވަނީ ފަސް ދާއިރާއެއް އިތުރުކޮށް، 28 ދާއިރާއަކުން އިނާމް ދޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެގޮތުން އަލަށް އިތުރުކުރި ދާއިރާ ތަކަކީ ކީރިތި ގުރުއާން ކިޔެވުމާއި އުގަންނައި ދިނުމުގެ ދާއިރާ އާއި، ގާނޫނީ ދާއިރާ އާއި، ވިޔާފާރި އާއި އިގުތިސާދީ ދާއިރާ އާއި، ބޯޓް ބިލްޑިންގ ދާއިރާ އަދި އެޕްލައިޑް އާޓްސްގެ ދާއިރާ އެވެ. މީގެ ތެރެއިން ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާ ކުރިން ހިމެނިފައިވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބަލާ ރޮނގެއްގެ ގޮތުގައި އެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ރައީސް މަހުމޫދު ރާޒީ ވިދާޅުވީ ގައުމީ އިނާމުދޭ ދާއިރާތަކުގެ ރޮނގުތައް ހިމެނުމުން ގައުމީ އިނާމަށް ކުރިމަތިލާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

މިއަހަރުގެ ގައުމީ އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4.00 އަށް ހުޅުވާލަން ވަނީ ހަމަޖައްސައިފަ އެވެ.