17 Aug 2016, 17:55
ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހި ލޭބަލެއް ނެތި، ރާއްޖޭގައި ވިއްކުން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހަށް ފަހު މަނާ ވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފިއެވެ.
އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ހަދާފައިވާ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން، އެފަދަ ތަކެތި ރަޖިސްޓްރީ ނުކޮށް ރާއްޖެ އެތެރެކުރުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަނާ ކޮށްފައިވާ އިރު ޖެނުއަރީ ފަސްވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތި ޕޯޓް އޮފް އެންޓްރީގައި ބަލަން ފަށާފައިވާ ކަމަށެވެ.
ބަޔާނުގައި ބުނީ، ރަޖިސްޓްރީ ނުކޮށް ހުންނަ އެފަދަ ތަކެތީގެ ތެރެއިން ރާއްޖެއަށް މިހާރު އެތެރެކޮށް، މާކެޓުގައި ހުރި ތަކެތި ބާޒާރުން ހުސްކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަސް ކަމަށެވެ.
އެހެންކަމުން، އެ ގަވައިދުގައި ބަޔާންކޮށްފައިވާ އުފެއްދުންތައް ރަޖިސްޓްރީ ނުކޮށާއި، ދިވެހި ބަހުން ލޭބަލް ނުކޮށް ވިއްކަން ބެހެއްޓުމަކީ 2017 ގެ ޖެނުއަރީ 16 އިން ފެށިގެން މަނާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެއި ވެއެވެ. އަދި މިހާރު ސްޓޮކުގައި ހުރި، ރަޖިސްޓްރީ ނުކުރާ ބާވަތްތައް އަންނަ އަހަރުގެ ޖެނުއަރީ 16ގެ ފަހުން ހުސްނުކުރެވޭނެ ކަމަށް ފެންނަ ނަމަ، އެކަމަކަށް ގޮތެއް ނިންމުމަށްޓަކައި އެތަކެއްޗާ ބެހޭ މައުލޫމާތު ސެޕްޓެމްބަރު 30ގެ ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހިއްސާ ކުރުމަށް އެ އޮތޯރިޓީއިން އެދެއެވެ.