17 Aug 2016, 14:18
ނިއުދިއްލީ (އޮގަސްޓް 17): އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަޑި އެރުވި އިރު ބޭނުން ކުރި ފުޅިތޮށި ހަރުކޮށްފައި ހުރި ރޮދި ކަރުގައި އޮޅުމުގެ ސަބަބުން ތިން މީހަކު މަރުވެއްޖެ އެވެ.
މަރުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ހިމެނެ އެވެ. އެ ދެ ކުދިން މަރުވީ އެ ކުދިން ތިބި ކާރުގެ މަތިން ހުޅުވާފައިވާ ބަޔަކުން ބޭރު ބަލަން ތިއްބާ ކަރުގައި ރޮދި އޮޅުމުގެ ސަބަބުން ކަރު ބުރި ވެގެންނެވެ. ހަމަ އެގޮތަށް 22 އަހަރުގެ ޒަފަރު ޚާން މަރުވީ ސައިކަލު ދުއްވާފައި ދަނިކޮށެވެ.
މަޑި އަރުވަން އެފަދަ ރޮދި ބޭނުން ކުރުމުގެ ސަބަބުން ހޯމަ ދުވަހު ނިއު ދިއްލީގެ ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އިންޑިއާ ސަރުކާރުން މިހާރު ވަނީ މަޑި އެރުވުމަށް ތޫނު އެއްޗެހި ހަރުކޮށްފައިވާ ރޮދި ބޭނުން ކުރުން މަނާކޮށް، އެފަދަ ރޮދި ބޭނުން ކުރުމުގެ ނުރައްކަލާ ބެހޭ ގޮތުން އާއްމުން ހޭލުންތެރި ކުރުވުމަށް ކެމްޕެއިންތައް ފަށާނެ ކަމަށް ބުނެފަ އެވެ.
މަޑި އަރުވަން ފުޅިތޮށި ހަރުކޮށްފައިވާ ރޮދި ބޭނުން ކުރަނީ މަޑި އެރުވުމުގައި ވާދަ ކުރާ މީހާގެ މަޑި ވައްޓާލުމަށެވެ. ނަމަވެސް މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް އެފަދަ ރޮދީގެ ސަބަބުން ފަސް އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު އިންޑިއާއިން މަރުވެފައިވެ އެވެ. (ބީބީސީ)