އޮލިމްޕިކް ގޭމްސްގައި ހޯދި ހަ ވަނަ ރަން މެޑެއްޔާއެކު ސަރ ކްރިސް ހޯއީ ދަމަހައްޓަމުން ދިޔަ އިނގިރޭސި ރެކޯޑާ ޖޭސަން ކެނީ އަރާ ހަމަކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ރެކޯޑު ދަމަހައްޓަމުންދިޔަ ޓްރެކް ސައިކްލިސްޓް ހޯއީ ރަން މެޑެލްތައް ހޯދާފައި ވަނީ އޮލިމްޕިކްސް 2004، 2008 އަދި 2012 ގައެވެ. އޭގެ ތެރެއިން 2004ގައި ރަން މެޑެއްޔެއް ހޯދި އިރު، 2008ގައި ހޯއީ ވަނީ ތިން ރަން މެޑެލް ހޯދައިފަ އެވެ. އަދި އެންމެ ފަހުން 2012ގައި ބޭއްވި އޮލިމްޕިކްސްގައި އޭނާ ދެ ރަން މެޑެލް ހޯދި އެވެ.

އުމުރުން 28 އަހަރުގެ ކެނީ ވަނީ ޓްރެކް ސައިކްލިންގެ އިންޑިވިޖުއަލް އަދި ޓީމު ސްޕްރިންޓް އިވެންޓްތަކުން ވެސް ކާމިޔާބީ ހޯދައިފަ އެވެ. ކެނީ ވަނީ އޮލިމްޕިކްސްގައި ޖުމްލަ ހަތް މެޑެލް ހޯދައިފަ އެވެ. އެއީ އޮލިމްޕިކްސް 2008ގެ އިންޑިވިޖުއަލް ސްޕްރިންޓުގައި ހޯދި ރިހި މެޑެއްޔާއެކު އެވެ.

ބްރެޒިލްގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އިނގިރޭސިވިލާތުގެ ޓްރެކް ސައިކްލިން ޓީމުން ވަނީ ހަ ރަން މެޑެއްޔާއި، ހަތަރު ރިހި މެޑެލް އަދި ލޯ މެޑެއްޔެއް ހޯދައިފަ އެވެ.

"އޮލިމްޕިކް ޓީމާއެކު ކާމިޔާބު ހޯދައި، އަހަރެންނަށް ވެސް ކަންތައްތަކެއް ކޮށްދެވޭތީ ފަހުރުވެރިވަން. ބެއިޖިންގައި އަހަރެން ހޯއީއާ އެކު ބައިވެރިވިން. ހޯއީ ހޯދަމުންދިޔަ ކާމިޔާބީތަކަށް އަހަރެން ތައުރީފު ކުރިން. އަދި އޭނާގެ ރެކޯޑާ އަރާ ހަމަކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އަހަރެން ދެކެނީ،" ކެނީ ބުންޏެވެ.

ކެނީ އަކީ އިނގިރޭސި ޓީމާއެކު ފާއިތުވެދިޔަ ތިން އޮލިމްޕިކް ގޭމްސްގައި ވެސް ވާދަކުރި ސައިކްލިސްޓެކެވެ.