17 Aug 2016, 14:09
ނިއުދިއްލީ (އޮގަސްޓް 17): އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންޑިއާ ބްރާންޗުން އެގައުމުގެ ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
އިންޑިއާ ސަރުކާރަށް ތާއިދު ކުރާ ދަރިވަރުންތަކެއްގެ ޖަމާއަތެއް ކަމަށްވާ އާކިލް ބާރާތިޔާ ވިދުޔަރުތީ ޕަރުޝާދު (އޭބީވީޕީ) އިން ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައިވާ ގޮތުން އެމްނެސްޓީން މިހަފުތާ ބަންދު ތެރޭގައި ބޭއްވި އެއްވުމެއްގައި އެޖަމާއަތުން ވަނީ އިންޑިއާއާ ދެކޮޅު ސްލޯގަންތައް ބޭނުންކޮށްފަ އެވެ.
އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރު ފަޅީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވާ މީހުންގެ އަދަދު އިތުރު ވަމުންދާތީ އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރުމަށް އެމްނެސްޓީ އިންޑިއާ އިން ބޭއްވި އެއްވުމުގައި ބައެއް ބައިވެރިން ވަނީ ކަޝްމީރު މިނިވަން ކުރުމަށް ގޮވާލާފަ އެވެ.
އެހެންކަމުން އިންޑިއާ ފުލުހުން މިހާރު އަންނަނީ އެމައްސަލައިގައި އެމްނެސްޓީ އިންޑިއާގެ މައްޗަށް އިންޑިއާ ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާ ކުރެވެން އޮތްތޯ ބެލުމަށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެމްނެސްޓީ އިން ވަނީ އެއެއްވުން ބާއްވާ ކަން ފުލުހުންނަށް އަންގާފައި ވާނެ ކަމަށާއި އަދި އެއީ ހިޔާލު ފާޅު ކުރުން ހުއްޓުވުމަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.
"ގާނޫނު އަސާސީ ދިފާއު ކުރުމަށް އެއްވުމެއް ރޭވުމަކީ މިހާރު 'އިންޑިއާއާ ދެކޮޅު' ކުށެއް،" އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާގެ އެގްޒެކެޓިކް ޑައިރެކްޓަރު އާކަރު ޕަޓޭލް ވިދާޅުވި އެވެ.
ކަޝްމީރުގައި އޮތް އިންޑިއާގެ ވެރިކަމާ ދެކޮޅަށް އެސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބޭނުން ވަނީ ކަޝްމީރަކީ މިނިވަން ދައުލަތަކަށް ވުމަށެވެ. ނުވަތަ ޕާކިސްތާނާ ގުޅުމަށެވެ. ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓަރު، ސުޝްމާ ސުވަރާޖް ވަނީ ކަޝްމީރު ދުވަހަކުވެސް ޕާކިސްތާނުގެ ބަޔަކަށް ނުވާނެ ކަމަށާއި ކަޝްމީރު ނިސްބަތް ވަނީ އިންޑިއާއަށް ކަމަށް ވިދާޅުވެފަ އެވެ. (އެފްޓީ)