17 Aug 2016, 12:49
ހައްޖު ކޯޓާ ހަމަޖެހުންލެއް ލަސްވުމުން ހައްޖުވެރިންނަށް ދޭން ކުރިން އެއްބަސްވެފައިވާ ބައެއް ހިދުމަތްތައް އެގޮތަށް ނުދެވިދާނެ ކަމަށް އެކްރޯ ގުރޫޕުން ބުނެފި އެވެ.
އެކްރޯ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހުސެއިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ހައްޖު ކޯޓާ ލިބުނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށާއި ކޯޓާ ލިބިގެން ތައްޔާރީތައް ވާން ބެލި އިރު ހުށައެޅި ޕުރޮޕޯސަލްގައި ބުނެފައިވާ ގޮތަށް ކަންކަން ހަމަނުޖެއްސުނު ކަމަށެވެ.
އެ ކުންފުނިން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ. އެގޮތުން ޕުރޮޕޯސަލްގައިވާ ގޮތަށް ފަސް ތަރީގެ އެކޮމެޑޭޝަން ހަމަނުޖެހުމާއި ހުރިހާ ހައްޖުވެރިން އެއް ފުލައިޓެއްގައި ހައްޖަށް ދިއުމާއި ކެއުމުގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ އެކަން ވަނީ އެ ގްރޫޕުން އިއުލާންކޮށްފަ އެވެ.
"މިހާރު ކެއުން ގެންނާނީ ދުރުން ކައްކައިގެން، އެހެންވާ އިރު ދަތުތަކެއް ހުންނާނެ. ގަޑިންގަޑިޔަށް ކާން ނުލިބިދާނެ ކަމަށް ބަލަން ޖެހޭނީ، އެކަހަލަ ކަންތައްތަކެއް، އަނެއް ހެން އެއްވެސް ހިދުމަތެއް އެއްވެސް ބަދަލެއް ނާންނާނެ." އޭނާ ވިދާޅުވި އެވެ.
އެކަންކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
އެކްރޯ ގުރޫޕުގެ މީހުން ފުރަން ނިންމާފައި ވަނީ މާދަމަ އެވެ. އަމިއްލަ ފަސް ޖަމާއަތުގެ ހަވާލުގައި ޖުމުލަ 1000 މީހުން މި އަހަރު ހައްޖަށްދާ އިރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ހައްޖަށްދެ އެވެ.
ދެހާސް މީހުންގެ ކޯޓާ މިފަހަރު ރާއްޖެއަށް ލިބުނު އިރު ފުރަތަމަ ހަމަޖެހުނީ 1000 ކޯޓާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ 2000 ކޯޓާ ލިބުކަން ޔަގީން ކުރެވިފަ އެވެ.