17 Aug 2016, 13:09
މިއަދު ކަންކަން ނިންމަން ޖެހޭނީ، އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަކަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވި އިރު، އެމަނިކުފާނު ފަހަކަށް އައިސް ގެންދަވަނީ، ސަރުކާރުން ނިންމުންތަކަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ.
"މިއަދު އަޅުގަނޑުމެން ކުރާ ކޮންމެކަމެއް ވެސް ކުރަންވާނީ އަންނަން އޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިންނެވެ،"މައުމޫން އަބްދުލް ގައްޔޫމް
ސަރުކާރު ހިންގާ ޕީޕީއެމްގެ ސާފު އަގުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ނިންމުންތަކާމެދު ރައީސް މައުމޫން ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. ގާނޫނުތަކަށް ގެންނަ ބައެއް ބަދަލުތަކަށް ވޯޓު ނުދިނުމަށް މައުމޫން ގެންދަވަނީ ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ހަގު އުމުރާއި ދޮށީ އުމުރު ކަނޑައެޅުމާއި ބޭރު މީހުންނަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތް ހެދުމާއި އިއުލާން ކުރުމަނާ ނުލައި ރަށްތައް ދޫކުރެވޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުތަކަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގެންފައިވަނިކޮށް، އެ އިސްލާހުތައް ވަނީ ތަޅުމުން ފާސްކޮށް އެވެ.
މައުމޫން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް، އަބުރު ރައްކާތެރިކޮށް ދިނުމުގެ ނަމުގައި ހިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.