17 Aug 2016, 14:05
ލަންކާގެ ކޮލަމްބޯގައި ހުންނަ އެޑިޔުލިންކު އިންޓަނޭޝަނަލް ކެމްޕަސް އިން ރާއްޖެއަށް ދީފައިވާ ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ފަސް ސްކޮލޮޝިޕްފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތުޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.
ޑީއެޗްއީ އިން މިއަދު ބުނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ހުޅުވާލާފައިވާ އެ ފުރުސަތުތަކުގެ ދަށުން އެޑިޔުލިންކުން ދޭން ހަމަޖެހިފައިވަނީ ކޯސްފީގެ 50 ޕަސެންޓް ކަމަށެވެ.
އަނެއް 50 ޕަސެންޓް ހަރަދު ކުރަންޖެހޭނީ ދަރިވަރު އަމިއްލަ އަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް 4800 އެމެރިކާ ޑޮލަރު (74000 ދިވެހި ރުފިޔާ) އެވެ. މީގެ އިތުރުން ޓިކެޓާއި ހުރުމާއި ކެއުން ފަދަ ހަރަދުތައް ކުރަންޖެހޭނީ ދަރިވަރު އަމިއްލަ އަށް ކަމަށް ބުނެފައިވެ އެވެ.
އެ ސްކޮލާޝިޕްތަކުގެ ދަށުން ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް އެވޯޑް ކުރަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތްއެމްޕްޓަން އިންނެވެ. އަދި މަތީތައުލީމު ހާސިލު ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށާއި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މިބޮންޑުގެ ދަށުން ސަރުކާރަށް ހިދުމަތްކުރަން ވާނެ ކަމަށް ވެސް ޑީއެޗްއީ އިން ބުނެފައިވެ އެވެ.
ހުޅުވާލާފައިވާ ކޯހުގެ ދާއިރާތަކަކީ ބެޗްލާސް އޮފް އާޓްސް (ޖޮއިންޓް އޮނާސް) ބިޒްނަސް އެންޑް އޮންޓާޕްރިނިއާޝިޕް އަދި ބެޗްލާސް އޮފް ސައިންސް (އޮނާސް) ކޮމްޕިޔުޓިން އެވެ.
ސްކޮލޮޝިޕަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސި އަދި ހިސާބު ބާއްދާ ހިމެނޭގޮތަށް ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ.
ބެޗްލާސް އޮފް އާރޓްސް (ޖޮއިންޓް އޮނަރސް) ބިޒްނަސް އެންޑް އޮންޓާޕްރިނިއާޝިޕް ކޯހަށް ކުރިމަތިލާ ދަރިވަރުން ޖީސީއީ އޭލެވެލް ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންޖެހޭއިރު، ބެޗްލަރސް އޮފް ސައިންސް (އޮނަރސް) ކޮޕިޔުޓިން ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން ޖީސީއީ އޭލެވެލް އެއް މާއްދާއިން 'ބީ' ފާސް އަށްވުރެން މަތިން ލިބި އިތުރު ދެ މާއްދާއަކުން 'ސީ' އިން ފެށީގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންޖެހޭނެ އެވެ.
ކޮލަމްބޯގައި ހުންނަ އެޑިޔުލިންކު އިންޓަނޭޝަނަލް ކެމްޕަސް އިން ރާއްޖެއަށް ދީފައިވާ ސްކޮލޮޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހު އެވެ.