17 Aug 2016, 15:29
އެޗްއެފްސީ އަދި އެޗްސީއެފްސީ އެއާ ކޮންޑިޝަނަރުތަކުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ޑިސްޓްރިކްޓް ކޫލިންގް ނިޒާމެއްގެ ފިސިބިލިޓީ ދެނެގަތުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ބައްދަލުވުމުގައި 20 މީހުން ބައިވެރިވެ އެވެ. އޭގެތެރޭގައި ޔޫއެންޑީޕީ، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އީޕީއޭ، ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އައިޖީއެމް އެޗުން ބައިވެރިވެ އެވެ.
އޭގެ ނިޒާމެއް މާލެ އާއި ހުޅުމާލޭގައި ގާއިމުކުރުމަކީ 2020 ވަނަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމާއި، ދިވެހި ރާއްޖެއަކީ ލޯ-ކާބަން އިކޮނޮމީ ގައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ޑިސްޓްރިކްޓް ކޫލިން ފީސިބިލިޓީ ސްޓަޑީއެއް އެ މިނިސްޓްރީ އިން ވަނީ ހަދާފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ހޯދުންތަކުގެ އަލީގައި ޑިސްޓްރިކްޓް ކޫލިން ނިޒާމެއް ގާއިމް ކުރުމަށް އެންމެ އެކަށޭނެ ތަނަކީ ހުޅުމާލެ ކަމަށް އެނގޭ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
ޑިސްޓްރިކްޓް ކޫލިން އަކީ ރާއްޖޭގައި އެނަޖީ އެފިޝެންޓް އާލާތްތައް ބޭނުންކުރުމަށާއި ހަކަތައިން ކުރެވޭ އިސްރާފު މަދުކުރުމަށާއި ހަކަތަ އިގްތިޞާދު ކުރުކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށްވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އިޖުތިމާއީ އަދި އިޤްތިޞާދީ ކުރިއެރުން ހާސިލްކުރުމަށް ޓަކައި، ދިވެހިރާއްޖެ އިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށް، ރާއްޖެ އިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.