ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ބޮޑު ދެ މައްސަލައެއް ފާހަގަކޮށް، އެ އެސޯސިއޭޝަނާ ދެކޮޅަށް ފިޔަވަޅު އަޅަން ސްޕޯޓްސް ކޮމިޝަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު 'ސަން'އަށް ވިދާޅުވިގޮތުގައި ފުރަތަމަ ފާހަގަކުރެވުނު މައްސަލައަކީ އިންތިހާބާ ގުޅިގެން ކުރިން ވެސް ފެންމަތިކުރެވުނު މައްސަލަ އެވެ.

"ފާހަގަކުރެވުނު ކަންތައްތައް އަޅުގަނޑުމެން ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ. އިންތިހާބުގައި ވޯޓުލާ ކްލަބެއް ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މުބާރާތެއްގައި ބައިވެރިވެފައި އޮންނަން ޖެހޭނެ. ހޯމް މިނިސްޓްރީގައި ރަޖިސްޓަރީވެފައި އޮންނަންޖެހޭނެ. އިދާރީގޮތުން ފިޔަވަޅުއަޅަން ޖެހޭނެ ކަންކަމަށް އަޅުގަނޑުމެންނަށް ފެންނާތީ ސްޕޯޓްސް ކޮމިޝަނާއި ޔޫތު މިނިސްޓްރީ އަށް އެކަން ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ، ބައެއް ކްލަބުތައް ރަޖިސްޓަރީ ކޮށްފައިވަނީ 2013 ވަނަ އަހަރު ބޭއްވި ބީޗް ވޮލީބޯޅަ މުބާރާތް ފެށި ފަހުން ކަމަށެވެ. އެ ކްލަބުތަކަކީ މި އަހަރުގެ ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ވޯޓު ވެސް ލާފައިވާ ކްލަބުތަކެވެ.

"މުބާރާތް ފެށިފަ އެއޮތީ 15 ޑިސެމްބަރުގައި. ކްލަބު ވުޖޫދުވުމުގެ ކުރިން ކްލަބު ކިހިނެތްތޯ ކުޅޭނީ. މިސާލަކަށް ރަސްމީކޮށް ރަޖިސްޓަރީ ނުކުރެވޭ ކްލަބެއް މުބާރާތެއްގައި ކުޅުނީމަ. އެއީ އަޅުގަނޑުމެން ފާހަގަކުރެވުނު ކަމަކީ،" އޭނާ ވިދާޅުވި އެވެ.

ދެވަނަ އަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވަނީ ވީއޭއެމް އަށް 2014 އަދި 2015 ވަނަ އަހަރު ލިބުނު އާމްދަނީ އާއި ފައިސާގެ ތަފްސީލުތައް އެނގޭނެ ރިޕޯޓް ތައްޔާރުކޮށްފައި ނެތުމެވެ.

"އެއީ އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ދެވަނަ ކޭސް. އަޅުގަނޑުމެންނަށް އޭގެ އެއްވެސް ލިޔެކިޔުމެއް ނުލިބޭ. އަޅުގަނޑުމެންނަށް އެނގިފައެއް ނެތް ކިހާ ފައިސާއެއް ކަމަށް އެ އެސޯސިއޭޝަނަށް ލިބުނީ. ހަރަދުކުރި ކުރި ގޮތަކާއި އެ މައުލޫމާތުތަކެއް ވެސް ނޭނގޭ،" ލަތީފް ވިދާޅުވި އެވެ.

އޭގެއިތުރުން ވެސް އޭސީސީން ވަނީ ވީއޭއެމްގެ އިތުރު މައްސަލަތަކެއް ވެސް ފާހަގަކޮށްފައެވެ.

ވީއޭއެމްގެ އިންތިހާބުގައި އޮޅުވާލުމާއި މަކަރުހަދާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލު ކޮށްދެއްވަމުށް އެދި އިންތިހާބުގައި ނާކާމިޔާބިއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ސިވިލް ކޯޓަށް މައްސަލަ ވެސް ވައްދާފައިވެ އެވެ.

މި އަހަރުގެ މާޗް މަހު ވީއޭއެމްގެ އިންތިހާބު ބާއްވާފައިވަނީ ވީއޭއެމްގެ މައްސަލައެއް އޭސީސީން ބަލަމުން ދަނިކޮށެވެ.