17 Aug 2016, 12:48
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ވެސް ރެޑް ކްރެސެންޓް ޖަމާއަތެއް އޮންނަންވާނެކަން ފެނިގެން ކުރި ބުރަ މަސައްކަތުން އުފެދުނު ރެޑްކްރެސެންޓް ޖަމާއަތަކީ މިއަދު ރާއްޖޭގައި އިންސާނީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ މުހިންމު އެއް ޖަމާއަތެވެ. އެ ޖަމާއަތް މިއަދު މި ވަނީ ހުރިހާ ދިވެހި ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ދިވެހިންގެ ގައުމީ ޖަމާއަތަކަށް ވެފަ އެވެ. އެ ޖަމާއަތް ރަސްމީކޮށް އިފްތިތާހު ކުރީ 2009 ވަނަ އަހަރު އޮގަސްޓްމަހުގެ 16 ވަނަ ދުވަހު އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރެޑްކްރެސެންޓް ޖަމާއަތަކީ އިންސާނީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިވެހި ސަރުކާރަށް ވާގިވެރިވާ އެންމެ އިސް ޖަމާއަތަށް މި ވަނީ ވެފަ އެވެ. އެ ޖަމިއްޔާގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް 2000 އަށްވުރެ ގިނަ ދަރުމަވެތިންނާއި މެންބަރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަތޮޅު ފެންވަރުގައި 10 ގޮފި ގާއިމްކޮށް އެއިން ކޮންމެ ގޮތްޕެއްގެ ދަށުން ދެ ޔުނިޓް ރަށު ފެންވަރުގައި ހަރަކާތްތެރިވަމުންދެ އެވެ.

ދިވެހި ރެޑްކްރެސެންޓަށް ހަތް އަހަރު ފުރުމާ ގުޅިގެން އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކަކީ އެ ޖަމާއަތުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވި ތަފާތު ގިނަ ހަރަކާތްތަކެއް އެ ޖަމާއަތުގެ ގޮފިތަކުގައި ހިންގުނު އަހަރުތަކެއް ކަމަށެވެ. އެގޮތުން އެ ޖަމާއަތުން މަސައްކަތްކުރާ ތިން ދާއިރާކަމަށްވާ ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމާއި، ސިއްހަތާއި އިޖުތިމާއީ އަޅާލުން އަދި ޒުވާނުންގެ ތަރައްގީގެ ދާއިރާއިން ދަރުމަވެރިންގެ ހަރަކާތްތައް ފެނިފައިވާ ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން އަންނަނީ ކުއްލި ހާލަތްތަކުގައި ވެސް އަގުހުރި ބުރަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި އުދައެރުމާއި މޫސުން ގޯސްވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަކުރެވެ އެވެ. އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުއްލި ހާލަތުގައި އިޖާބަ ދިނުމަށް ތަމްރީނުކޮށްފައިވާ 394 ދަރުމަވެރިންނާއި ނެޝަނަލް އެމަޖެންސީ ރެސްޕޮންސް ޓީމުގެ ގޮތުގައި 22 ދަރުމަވެރިންނާއި ނަފްސާނީ އިޖްތިމާއީ އަޅާލުމުގެ އެހީތެރިކަން ފޯރުކޮށް ދިނުމުގައި 80 ދަރުމަވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ވޭތުވެދިޔަ ހަތް އަހަރުގެ މަސައްކަތްތައް ކާމިޔާބުވެފައިވާ އިރު މިހާރު ރެޑް ކްރެސެންޓްގެ އަޒުމަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމެވެ. އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދީ މިނިވަންކަމާ އެކު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ޖަމާއަތަކަށް ދިވެހި ރެޑް ކްރެސެންޓް ހެދުމުގެ ރޫހުގައި މި ވަނީ މަސައްކަތްތައް ކުރަން ޖެހިފައި ކަމަށެވެ. ދިވެހި ރެޑް ކްރެސެންޓްގެ ހިދުމަތްތަކަކީ ޖަމާއަތުގެ ގޮފިތަކުން މުޖުތަމައުއަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ވީހިނދު، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދެމެހެއްޓެނިވި ގޮފިތަކެއް ހުރުމަކީ އެ ޖަމާއަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން މުޖުތަމައުގެ ތެރެއިން ވަސީލަތްތައް ހޯދާ ލިބިގަތުމަށް އިތުރު މަގުތަކެއް ކޮށައި އެކަމަށްޓަކައި މިހާރު ވަނީ ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ހިންގާ ފޭސްބުކް ފަންޑްރެޒިން ކެމްޕޭން ފަށައިފަ އެވެ. އޭގެ އިތުރުން ދިވެހި ރެޑްކްރެސެންޓްގެ އާ ވެބްސައިޓުން ވެސް ވަނީ އެ ޖަމާއަތަށް އެހީވާން ހުޅުވާލައިފަ އެވެ. އިންސާނީ ހައްގުތަކަށްޓަކައި އާންމުގެން ފަރާތުން އެ ޖަމާއަތަށް ދެމުން އަންނަ މާލީ އެހީއަށް އެ ޖަމާއަތުން ޝުކުރު އަދާކުރެ އެވެ.