17 Aug 2016, 11:24
"ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ވިޔަފާރި ފެށުމަށް ދީފައިވާ މުއްދަތު މަރުކަޒީ ބެންކުން އިތުރުކޮށްދީފިއެވެ.
އެބެންކުގެ ހިދުމަތް ކުރިން ފަށަން އަންގާފައިވަނީ އަންނަ މަހު 15 ގެ ކުރިންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު މިއަދު ވިދާޅުވީ އެބެންކަށް ކުރިން ދީފައިވާ މުއްދަތުގައި ވިޔަފާރި ފެށުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އަންނަ މަހު 15 އިން 26 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ ބޭންކުގެ 45 ޕަސެންޓް ހިއްސާދާރުންނަކީ ޓްރީޓޮޕްގެ ހިއްސާދާރުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ޗަމްޕާ އާއިލާގެ ބޭފުޅުން ހިމެނެ އެވެ. އެ ބޭންކުގެ 55 ޕަސެންޓް ހިއްސާވަނީ ސްރީ ލަންކާގެ ބޭންކެއް ކަމަށްވާ ކޮމާޝަލް ބޭންކް އޮފް ސިލޯނެވެ.

އެބެންކުގެ ބައެއް ހިއްސާދާރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއެމްއޭ އިން ބުނީ އެ ބޭންކުން ކޮމާޝިއަލް ބެންކަކުން ދޭ ހުރިހާ ހިދުމަތެއް ދެވިގެންދާނެ ކަމަށެވެ.
އެމްއެމްއޭއިން ދެކޭ ގޮތުގައި އެ ބޭންކު ހުޅުވިގެން ދިއުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށާއި އެ ދާއިރާގެ ވާދަވެރިކަން އިތުރިކުރުމަށް ލިބޭ ކުރި އެރުމެކެވެ.