ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށްޓަކައި ކުޅުނު ޕްލޭއޯފްގެ ފުރަތަމަ ލެގުގައި އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯގެ ހެޓްރިކާއެކު ރުމޭނިއާގެ ސްޓީއު ބުކަރެސްޓީ އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ސްޓީއުއާ ދެކޮޅަށް ކުޅުނު އެ މެޗުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ މޮޅުވެފައިވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ލަނޑުޖަހަން ސީޓީ އަށް ލިބުނު ފުރަތަމަ ފުރުސަތަކީ ސްޓީއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރަހީމް ސްޓާލިން އަށް ސުލޭ ސަރިކީ މުނީރޫ ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އަގުއެރޯ ފޮނުވާލި ޕެނަލްޓީ، ސްޓީއުގެ ގޯލްކީޕަރު ފްލޮރިން ކޮންސްޓަންޓިން ނިޓާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސިޓީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދައިފަ އެވެ. ރަހީމް ސްޓާލިން ދިން ބޯޅައަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ސިޓީ އަށް އިތުރު ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ސްޓީއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެލެކްސެންޑާ ކޮލަރޯވް އަށް ގެބްރިއަލް އެނާޗޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން އަގުއެރޯ މި ފަހަރު ވެސް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ނުވި އެވެ. އެ ހަމަލާ ދިޔައީ ސްޓީއު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސިޓީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ސްޓާލިން ދިން ބޯޅައަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަގުއެރޯ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ސިޓީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ސްޕެއިން ފޯވަޑް ނޮލީޓޯ އެވެ.

ސިޓީގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އަގުއެރޯ އެވެ. އެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 78 އަދި 89 ވަނަ މިނެޓުގައެވެ. އެ ލަނޑުތަކާއެކު އަގުއެރޯގެ ހެޓްރިކް ވަނީ ފުރިހަމަވެފަ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުގައި ސްޓީއުއާ ދެކޮޅަށް ނުކުންނަން ޖެހޭނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.