ވ. ފެލިދޫން ގެއްލިގެން ހޯދަމުންދާ ދުވަސްވީ މީހާ ގެއްލުނުތާ އިއްޔެ އަށް ހަފްތާ އެއް ވެފައިވާއިރު، އޭނާ ހޯދުމަށް ސިފައިން ފެށި އޮޕަރޭޝަން ނިންމާލައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނި ވ. ފެލިދޫ ލައިނޫފަރުމާގޭ، އުމުރުން 76 އަހަރުގެ އަހުމަދު ހަސަން (ހަސަންޅަކޮއެ) އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު "ސަން" އަށް ވިދާޅުވީ، އަހުމަދު ހަސަން ހޯދުމުގެ އޮޕަރޭޝަނެއް ސިފައިން ފެށީ މިމަހުގެ 11 ވަނަ ދުވަހު ކަމަށާއި ފަސް ދުވަހަށް ފަހު މިމަހުގެ 15 ވަނަ ދުވަހު އެ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.

އޮޕަރޭޝަންގައި 117.54 އަކަ މޭލުގެ ސަރަހައްދެއް ބެލިއިރު، ޑައިވް ކޮށްގެން 7.48 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތަރު ފުން މިނަކަށް ޑައިވް ކޮށްގެން މޫދުގެ 35 މީޓަރު އަޑިއާ ހަމައަށް ބަލާފައިވާ ކަމަށެވެ.

ސިފައިން ހިންގި އޮޕަރޭޝަންގައި އޭނާ ފެނިފައިނުވާއިރު، އޭނާގެ އެއްވެސް ކަހަލަ ނިޝާނެއް ވެސް ފެނިފައިނުވާ ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

ފެލިދޫ ކައުންސިލްގެ ރައީސް ހަސަން އަލީ މިއަދު ވިދާޅުވީ، ހަސަންޅަކޮއެ ވީ މޫދުގައިކަން ވަރަށް ބޮޑަށް ޔަގީން ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ އަޅައިގެން އުޅޭ އައިނު މޫދުން ފެނިފައިވާއިރު އޭނާ ފައިވާން ވެސް ވަނީ މޫދު ކައިރިން އެއްގަމުން ފެނިފައި ކަމަށް ހަސަން އަލީ ވިދާޅުވެ އެވެ.

ހަސަން އަލީ ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދާ އަހުމަދު ހަސަން އަކީ އެހާބަލި މީހެއްނޫނެވެ. އާންމުކޮށް މޫދަށް ގޮހެއް ވެސް ނޫޅެ އެވެ. ބޮޑަށް ބެލެވެނީ ކުޑަކަމު ދިއުމަށް މޫދު ކައިރިއަށް ދިޔައީ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަހުމަދުގެ ހަތް ދަރިންނާއި އަތް ބަކު ދުނިޔޭގައި ތިބިއިރު ގިނަ އަދަދެއްގެ ކާފަ ދަރިންނާއި މުނިކާފަ ދަރިން އެބަތިއްބެވެ.