17 Aug 2016, 12:16
ސަރުކާރުގެ ފަރާތުން ބާއްވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް މި އަހަރުގެ ތެރޭގައި އިންޑިއާގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަ ދެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ދާ އިރު، އެމަނިކުފާނު އިއްޔެ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލައިދީ، އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ ރާއްޖޭގެ ތިން ވަނަ އިންވެސްޓްމެންޓް ފޯރަމް އިންޑިއާގައި ބޭއްވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ފޮރިން މިނިސްޓަރު ޑރ. އާސިމް ވަނީ އިންޑިއާގެ މިނިސްޓަރު ސުޝްމާއާ ހިއްސާ ކުރައްވާފައި ކަމަށެވެ.
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ މި އަހަރުގެ ފަހުކޮޅު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ފުރަތަމަ ފޯރަމް ބޭއްވީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގަ އެވެ.
އަދި ދެ ވަނަ ފޯރަމް ބޭއްވީ މިދިޔަ އަހަރު، ޗައިނާގެ ބެއިޖިންގްގަ އެވެ.