މެކްސިކޯ ސިޓީ (އޮގަސްޓް 17): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން 'އެލް ޗާޕޯ' ގުޒްމަންގެ ދަރިފުޅާއި އިތުރު 15 މީހަކު ވަގަށް ނަގައިިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން މެކްސިކޯގެ ރިޒޯޓު ސިޓީއެއް ކަމަށްވާ ޕުއެރްތޯ ވަޔާތާގެ ރެސްޓޯރެންޓަކުން އެލް ޗާޕޯގެ ދަރިފުޅު، ޖީސަސް އަލްފްރެޑޯ ގުޒްމަން އާއި އިތުރު 15 މީހަކު ވަގަށް ނަގާފައި ވަނީ އެލް ޗާޕޯ އާއިލާ ނިސްބަތްވާ ސިނާލޯ ކާޓެލްއާ އިދިކޮޅު ގޭންގަކުންނެވެ.

މިހާރު މެކްސިކޯގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެލް ޗާޕޯ ވަނީ ސިނާލޯ ކާޓެލް ހިންގުމުގައި އެތައް އަހަރެއް ހޭދަކޮށްފަ އެވެ. ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރު ކޮށްފައި ހުރި ޖަލުން ފިލާފައިވާ އެލް ޗާޕޯ އެމެރިކާ ސަރުކާރާ ހަވާލު ކުރަން މެކްސިކޯއިން ވަނީ ނިންމާފަ އެވެ.

އެމެރިކާ އިން އެލް ޗާޕޯގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ އިރު އެގައުމުން ވަނީ މީގެ ކުރިން އެލް ޗާޕޯގެ ދަރިފުޅުގެ މައްޗަށް ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ދައުވާކޮށްފަ އެވެ.

ސިނާލޯ ކާޓެލްގެ މެމްބަރުން ވަގަށް ނެގުމުގެ ސަބަބުން ގޭންގުތަކުގެ މެދުގައި 'ހަނގުރާމައެއް' ފެށިދާނެ ކަމުގެ ބިރު އޮތް ކަމަށް ސަލާމަތީ މާހިރުން ބުނެ އެވެ. (ބީބީސީ)