17 Aug 2016, 09:20
ގާނޫނީ ސުވާލުތަކަށް ޖަވާބް ދީގެން އެއްވަނައަށް ހޮވޭ ފަރާތަކަށް 15000 ރުފިޔާ ލިބޭ މުބާރާތެއް މަޖިލިސް ޓީވީން ފަށައިފި އެވެ.
މަޖިލިސް ޓީވީ ހިންގެވުމާ ހަވާލުވެހުންނެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މަޖިލިސް ޓީވީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދުން ފެށިގެން މަސް ދުވަހުގެ ނިޔަލަށް ގާނޫނީ ކުއިޒެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ދައުލަތުގެ ހުރިހާ މީޑިއާއަކުން އެކުއިޒުގެ ސުވާލުތައް ގެނެސްދޭއިރު އެސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބްދޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 15000 ރުފިޔާ އަދި ދެ ވަނައަށް ދާ ފަރާތަކަށް 8000 ރުފިޔާ އަދި ތިން ވަނައަށްދާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މަޖިލިސް ޓީވީ އަކީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ވަގުތުން ގެނެސްދިނުމަށާއި މަޖިލީހުގައި ކުރެވޭ އެކިއެކި މަސައްކަތްތައް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާ އިން އުފެއްދި ޓީވީއެކެވެ.