17 Aug 2016, 00:11
ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް 2017 މިރޭ ލޯންޗުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑެސްޓިނޭޝަން މޯލްޑިވްސް 2017 ލޯންޗުކޮށްދެއްވީ ޝަރަފްވެރި މެހެމާން އަދި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސައިން ލިރާރެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާ ގުޅިގެން 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް 2017ގެ ލޭއައުޓާއި، ޑިޒައިން ކުރުމާއި، ކޮންޓެންޓް މެނޭޖުކުރުމާއި ޕްރިންޓް ކުރުމާއި ސެގްމަންޓު ބްރޯޝާސް ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ފީލް އިންވެސްޓްމަންޓުންނެވެ.
މިރޭގެ ރަސްމިއްޔާތުގައިވަނީ ފީލް ޑެސްޓިނޭޝަންގެ ނަމުގައި ތަރައްގީ ކޮށްފައިވާ މޮބައިލް އެޕްލިކޭޝަނެއްވެސް ލޯންޗު ކޮށްފައެވެ. އެ އެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް 2017 ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު ހުސައިން ލިރާރު ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީ އަކީ ދިވެހިންނާ ގުޅިލާމެހިފައިވާ ދާއިރާއެއް ކަމަށާއި، އެ އިންޑަސްޓްރީއަށް އަންނަ ކޮންމެ ލޮޅުމަކީވެސް ރާއްޖޭގެ އިގްތިސާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އަސަރުކުރުވާނެ ކަމެއް ކަމަށެވެ.
ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އެހެނިހެން ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރާއްޖެއާބެހޭ މައުލޫމާތު އެކުލެވޭ މެގަޒިން އެކެވެ.
ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް ދުނިޔޭގައި މީހުން ވާހަކަ ދައްކާ އުޅޭ 10 ބަހަކުން ޝާއިއުކުރެ އެވެ. އެއީ އިނގިރޭސި، ޖަރުމަން، ފްރެންޗް، އިޓަލީ، ސްޕެނިޝް، ރަޝިއަން، ޓާކިޝް، ޖަޕަނީސް އަދި ޗައިނާ ބަހުންނެވެ.