ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ 2016ގެ ޒޯން ދޭއްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާއާއި ޖުމެއިރާ ވިއްޓަވެލި ބައްދަކުރި މެޗު ސީދާ ތިން ސެޓުން އޮޅުވެލި ކާމިޔާބުކޮށްފިއެވެ.

މިއީ ޒޯން-2ގެ ސެމީ ފައިނަލްގައި ވާދަކުރާން ހަމަޖެހިފައިވާ މި ދެޓީމު، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ ފަހުމެޗެވެ. އޮޅުވެލި ބީޗްގައި ކުޅުނު މި މެޗު އޮޅުވެލި ޓީމުން ކާމިޔާބުކުރީ، 25/20, 32/30, 25/18ގެ ނަތީޖާއަކުންނެވެ.

ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ 2016ގެ ޒޯން ދޭއްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާއާއި ޖުމެއިރާ ވިއްޓަވެލި ބައްދަކުރި މެޗުގެ މޮޅުކުޅުންތެރިޔާ، އޮޅުވެލި ބީޗްގެ އިލްޔާސް އަބްދުލް ހަކީމް އިނާމާ ހަވާޅުވަނީ -- ސަން ފޮޓޯ: އޮޅުވެލި

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އޮޅުވެލި ބީޗްގެ އިލްޔާސް އަބްދުލް ހަކީމެވެ.

ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ވެސް ދެމެޗު ކުޅެން ހަމަޖެހިފައި ވާއިރު، މި ގްރޫޕްގައި ހިމެނޭ އަނެއްޓީމު ކަމަށްވާ ފިހާޅޮހި އައިލެންޑް ރިސޯޓާ ދެކޮޅަށް ކުޅެ އޮޅުވެލިވެސް އަދި ޖުމެއިރާވެސް ވަނީ ބަލިވެފައެވެ.

ސެމީފައިނަލްގައި މި ދެޓީމު ކުޅޭ މެޗު އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު އޮޅުވެލީގައެވެ. އެ މެޗުން މޮޅުވާ ޓީމެއް މި މަހުގެ 20 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ފައިނަލްގައި ވާދަކުރާނީ، ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުންވެސް މޮޅުވެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާ ފިހާޅޮހި އައިލެންޑް ރިސޯޓާއެވެ.

ސޮނީ ސްޕޯޓްސް އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ 2016ގެ ޒޯން ދޭއްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާއާއި ޖުމެއިރާ ވިއްޓަވެލި ބައްދަކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: އޮޅުވެލި

ޒޯން ދޭއްގައި ވާދަކުރަނީ ޖުމްލަ ތިން ޓީމެވެ. އެހެންކަމުން ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގައެއް ލިބޭ އިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެން ހިމެނޭ ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމަކަށެވެ. ޒޯން ދޭއްގައި ވާދަކުރާ ތިން ޓީމަކީ ފިހާޅޮއްސާއި، ޖުމައިރާ އަދި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓެވެ.

މުބާރާތުގެ ޒޯން-5ގެ ލީގު ބުރުގެ ފަހުމެޗުގައި މިއަދު ހަވީރު ސޮނޭވާ ފުށްޓާއި ފިނޮޅު ބައްދަލުކުރާ މެޗުން ސޮނޭވާ ވަނީ ފަސޭހަކަމާއެކު ތިން ސެޓުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ މެޗުގެ ސެޓުތައް ސޮނޭވާ ކާމިޔާބުކުރީ، 25/18, 25/23, 25/17 ޕޮއިންޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ، ސޮނޭވާގެ އަލީ ވިޝާމެވެ.

ޒޯން-5ގެ ލީގު ބުރުގެ ފަހުމެޗުގައި މިއަދު ހަވީރު ސޮނޭވާ ފުށްޓާއި ފިނޮޅު ބައްދަލުކުރާ މެޗުން ސޮނޭވާ ވަނީ ފަސޭހަކަމާއެކު ތިން ސެޓުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި -- ފޮޓޯ: ވީއޭއެމް

ޒޯން-5ގެ ސެމީގައި ސޮނޭވާ ފުށި ވާދަކުރާނީ، ފޯސީޒަން ލަނޑާގިރާވަރާއެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ލަނޑާގިރާވަރުގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނީ އެ ގްރޫޕްގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާ، އަނަންތާރާ ކިހިވަށް ވިލާސް އާއެވެ.

ރިސޯޓް މުބާރާތުގެ ޒޯން އެކެއްގައި މިއަދު ޝެރަޓަން މޯލްޑިވްސްއާއި ކުރުނބާ މޯލްޑިވްސް ބައްދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޝެރެޓަން. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޝެރެޓަންގެ އަކްރަމް އިބްރާހީމް -- ފޮޓޯ: ވީއޭއެމް

ރިސޯޓް މުބާރާތުގެ ޒޯން އެކެއްގެ މެޗެއްވެސް މިއަދު ވަނީ ކުޅެފައެވެ. ޝެރަޓަން މޯލްޑިވްސްއާއި ކުރުނބާ މޯލްޑިވްސް ބައްދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޝެރެޓަންއެވެ. އެޓީމުން މެޗުގެ ސެޓްތައް ހޯދާފައި ވަނީ، 25/18, 25/20, 25/18 ޕޮއިންޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޝެރެޓަންގެ އަކްރަމް އިބްރާހީމްއެވެ.