ނީލް ނިތިން މުކޭޝް އަކީ ބެލުންތެރިންގެ ފަރާތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް އެކްޓަރެވެ. ހާއްސަކޮށް އޭނާއަށް މަލާމާތް ކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ. ނީލް އަށް އަމާޒުކޮށް ޓްރޯލް ތައް ހަދައި ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ކުރާ މަލާމާތާ ގުޅިގެން ނީލް މިވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެފަދަ މަލާމާތާއި ފާޑުކިޔުންތަކުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ނީލް ބުންޏެވެ.

"އަހަންނަކަށް އެއްވެސް އަސަރެއް ނުކުރޭ. އެކަމަކު އަހަރެންގެ މައިންބަފައިންނަށް އަސަރު ކުރޭ. ދެން އަހަރެން މި ހުންނަނީ އެމީހުންނަށް ވިސްނައިދޭން ވެސް،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނީލް ބުނެފައިވެ އެވެ.

ނީލް ބުނީ ގިނަ މީހުން މަޝްހޫރު ފަރާތްތަކަށް މަލާމާތް ކޮށް އެއްޗެހި ކިޔާ ހަދަނީ އެމީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ.

ކުރީގެ ލަވަކިޔުންތެރިޔާ ނިތިން މުކޭޝްގެ ދަރިފުޅު ނީލް އަށް އެންމެ ބޮޑު މަލާމާތެއް ރައްދު ވަނީ އޭނާގެ ނަމާ ގުޅުވައިގެންނެވެ.

އުމުރުން 34 އަހަރުގެ ނީލް ބޮލީވުޑަށް ނުކުތީ 2007 ވަނަ އަހަރު ނުކުތް ފިލްމު "ޖޯނީ ގައްދާރު" އިންނެވެ. އެ ފިލްމުން އޭނާ އަށް އެންމެ މޮޅު އައު އެކްޓަރުގެ އެވޯޑު ލިބުނު އިރު، "ޖެއިލް" އަދި "ނިއު ޔޯކް" ފަދަ ފިލްމުތަކުގައި ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ނީލް އެންމެ ފަހުން ފެނިގެން ދިޔައީ މި އަހަރު ނުކުތް ފިލްމު "ވާޒިރް" އިންނެވެ.