16 Aug 2016, 22:18
"ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ، ދ. އެނބޫދޫފުށި-އޮޅުވެލި، އެ ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުން ނިންމައިފިއެވެ.
ޖުމްލަ އަގު 23.3 މިލިއަން ޑޮލަރަށް އެ ރިސޯޓް ވިއްކާލުމަށް ގައުމީ ޓޫރިޒަމް ކުންފުނިން ނިންމީ 2012 ވަނަ އަހަރުން ފެށިގެން އެރަށުގައި ރިސޯޓް ހަދައި ހިންގަމުން އަންނަ އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެމްޓީޑީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އެ ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނަ ކުންފުންޏަށް އެރަށް ވިއްކާލަން ނިންމީ، ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައިވާ ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހިފައި ހުރި ފައިސާތައް މިއަހަރު ތެރޭ ދެއްކުމަށް ސަރުކާރުން އަންގާފައި ވާތީ އެ ފައިސާ ދައްކާ ހަލާސްކުރުމަށް ކަމަށެވެ.
އޭގެ އިތުރަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ އިތުރު ހަތަރު ރަށަކުން މިއަހަރު ސަރުކާރަށް ކުލި ދައްކަން ފަށަން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެން ފަރާތަކަށް ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިން ކުންފުނި ހިންގުމަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ފައިދާ ވާނެ މޮޑެލްއެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ. މިއަހަރުގެ ތެރޭ އެމްޓީޑީސީގެ އިތުރު އެހެން ރަށެއް ވިއްކާލަން ވެސް ނިންމާފައިވާކަން އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފައެވެ.
" ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އަދި ވިޔަފާރި މޮޑެލް ބަދަލު ކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ފެނުނީ، މިހާރު ސަބްލީޒް ކުރެވިފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލުމަށެވެ. މިގޮތަށް ހެދުމުގެ ސަބަބުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދެއްކި އަދި އެމްޓީޑީސީ އިން މިއަހަރުގެ ތެރޭގައި އަމިއްލަ ރިސޯޓެއް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ އެވެ." އެމްޓީޑީސީގެ ބަޔާނުގައިވެ އެވެ.
އެ ރަށުގައި ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް ރަށް ވިއްކާލި އަގަކީ މާކެޓްގައި އެފަދަ ރަށެއް ވިއްކާލައިގެން ކުންފުންޏަށް އެންމެ ރަނގަޅަށް ފައިދާ ނެގޭނެ ގޮތަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން އާންމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ރަށަށް ބޮޑެތި އިންވެސްޓްކޮށް ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނާތީ ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ އެގޮތް ކަމަށް ބުންޏެވެ.