16 Aug 2016, 21:51
މުމްބާއީގެ ބަޖެޓް އެއާވޭސް އެއް ކަމަށްވާ "ގޯއެއާ"ގެ ދަތުރުތައް ރާއްޖެއަށާއި އިތުރު އަށް މަންޒިލަކަށް ފެށުމަށް އިންޑިއާ ސަރުކާރުން އެ އެއާލައިނަށް ހުއްދަ ދީފިއެވެ. މިއީ އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން އެގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދިން ފަސް ވަނަ އެއާލައިނެވެ.
އަންނަ މާޗް މަހުން ފެށިގެން ގޯއެއާގެ ދަތުރުތައް ފެށުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވަނީ ރާއްޖޭގެ އިތުރުން، އިރާން، ވިއެޓްނާމް، އަޒަރްބައިޖާން، އުޒްބެކިސްތާން، ކަޒަކިސްތާންގެ އިތުރުން ގަތަރު އަދި ސައުދީ އަރަބިއާ އެވެ.
އެގޮތުން އިންޑިއާ ސަރުކާރުން ވަނީ ގޯއެއާ އިން މާލެއަށް ހަފްތާއަކު ހަތް ދަތުރު ކުރުމުގެ ހުއްދަ ދީފައެވެ.
ދެހާސް ފަސްވަނަ އަހަރު ޑޮމެސްޓިކް އޮޕަރޭޝަންތައް ފެށި ގޯއެއާ އަކީ މާކެޓް ޝެއާއިން އިންޑިއާގެ ފަސް ވަނަ އަށް އެންމެ ބޮޑު އެއާލައިނެވެ. އަދި އެ އެއާލައިން އިން ވަނީ ދާދި ފަހުން 7.7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް އޭ320 މަރުކާގެ 72 ފްލައިޓް ހޯދުމުގެ އެއްބަސްވުމެއްގައި އެއާބަސް އާއެކު ސޮއިކޮށްފައެވެ.