16 Aug 2016, 21:35
ރިސޯޓް ހެދުމަށް ބީލަމަކާ ނުލައި ފަޅުރަށްތަކާއި ފަޅުތައް ވިއްކާނެ އަގުތައް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ އާންމުކުރިއިއުލާނުގައި ވާގޮތުން އެންމެ އަގު ބޮޑުކޮށް ވިއްކަން އިއުލާންކޮށްފައި ވަނީ މާލެ އަތޮޅާއި އދ. އަދި އއ. އަތޮޅުގެ ރަށްތާއި ފަޅުތަކެވެ. އެގޮތުން މާލެ އަތޮޅުން ދިހަ ހެކްޓަރުގެ ރަށެއް 6.6 މިލިއަން ޑޮލަރަށް ވިއްކާއިރު މާލެ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 500،000 ޑޮލަރުގެ އަގެއްގައެވެ.
ބިޑަކާނުލައި ފަޅު ރަށްތައް ދޫކުރަން އިއުލާނުކޮށްފައި އެ ވަނީ ޓޫރިޒަމް ގާނޫނަށް ދާދި ފަހުން ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހުގެ ދަށުންނެވެ. ޓޫރިޒަމް ގާނޫނުގެ ދަށުން ރަށްތަކާއި ފަޅުތައް ވިއްކާ އަގުތައް އިއުލާންކުރި ނަމަވެސް މި އަހަރު ވިއްކަން ހަމަޖެހިފައިވާ ރަށްތައް އަދި އިއުލާނެއް ނުކުރެ އެވެ.
އެ އިއުލާނުގައިވާ ގޮތުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅު އަދި ސ. އަތޮޅުން ރަށެއް ވިއްކަނީ ހެކްޓަރެއް 125،000 ޑޮލަރުގެ ރޭޓުންނެވެ. އަދި އެ އަތޮޅުތަކުން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 1،250،000 ޑޮލަރަށެވެ.
އެ ހަތް އަތޮޅުގައި ރިސޯޓް ހަދަން ޕްރީމިއަމްގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެހެން އަތޮޅުތަކުން ރަށެއް ނަގާ ނަމަ ޕްރީމިއަމްގެ ގޮތުގައި 250،000 ޑޮލަރާއި 600،000 ޑޮލަރާ ދެމެދުގެ އަގެއް ނަގައެވެ.
އެ އިއުލާނުގައި ވާގޮތުން ތ. އަތޮޅުން 10 ހެކްޓަރުގެ ރަށެއް 2.7 މިލިއަން ޑޮލަރަށް ލިބެއެވެ. އަދި ދ. އަތޮޅުން 3.3 މިލިއަން ޑޮލަރަށް ލިބޭއިރު ނ. އަތޮޅާއި ފ. އަދި މ. އަތޮޅުން ރަށެއް ލިބެނީ 3.8 މިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން ރ. އަތޮޅާއި ވ. އަތޮޅުން ރަށެއް 4.9 މިލިއަން ޑޮލަރަށް ލިބޭއިރު ބ. ޅ. އދ. އަތޮޅުން ރަށެއް ލިބެނީ 5.5 މިލިއަން ޑޮލަރަށެވެ.
ރަށްތަކުގެ އިތުރުން އެ މިނިސްޓްރީން ވަނީ ފަޅުތަކެއް ވެސް ވިއްކަން އިއުލާނުކޮށްފައެވެ. އެ އުސޫލުގެ ދަށުން ތަފާތު ހަތަރު ސައިޒެއްގެ ފަޅު ވިއްކުމަށް ހަމަޖެހިފައިވާ އިރު 15 ހެކްޓަރާއި 50 ހެކްޓަރާ ދެމެދުގެ ސައިޒުގެ ފަޅު ވިޔަފާރިވެރިންނަށް މިހާރު ގަނެވޭނެ އެވެ.
ފަޅުތައް ވިއްކާ ރޭޓްތައް ދައްކާ ގޮތުން ހއ، ހދ، ގއ، ގދ، ޏ، އަދި ސ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 150،000 ޑޮލަރުގެ ރޭޓުންނެވެ. ށ. އަތޮޅުން ފަޅެއް ގަންނައިރު ޕްރީމިއަމްގެ ގޮތުގައި 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.
އެންމެ އަގުބޮޑުކޮށް ފަޅު ވިއްކަނީ މާލެ އަތޮޅާއި އއ. އަދި އދ. އަތޮޅުންނެވެ. މާލެ އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 500،000 ޑޮލަރަށެވެ. އަދި އއ. އަތޮޅާއި އދ. އަތޮޅުން ފަޅެއް ވިއްކަނީ ހެކްޓަރެއް 450،000 ޑޮލަރަށެވެ.
މާލެ އަތޮޅުން 15 ހެކްޓަރުގެ ފަޅެއް ގަނެވޭނީ 20 މިލިއަން ޑޮލަރަށެވެ. އޭގެ އިތުރުން 25 ހެކްޓަރުގެ ފަޅެއް 30.8 މިލިއަން ޑޮލަރަށް، 35 ހެކްޓަރުގެ ފަޅެއް 41 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 51.2 މިލިއަން ޑޮލަރަށް ވިއްކުމަށް ވަނީ އިއުލާނުކޮށްފައެވެ.