ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން ގަމުގައި ޓޫރިސްޓް ހޮޓަލެއް އަޅަން މަޝްވަރާ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން މެނޭޖަރު ފާތުމަތު ޒުބްނާ "ސަން" އަށް ވިދާޅުވީ، ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތާއި މަޝްރޫއަށް ފައިސާ ހޯދުމުގެ މަގު ތަނަވަސްކުރުމާ ގުޅޭ މަޝްވަރާތައް ކަމަށެވެ.

އެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ކޮންޓްރެކްޓަރެއް ހޯދަން އިއުލާންކޮށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ތަރި ނުވަތަ ހަތަރު ތަރީގެ މިންގަނޑަށް ހަދަން މަޝްވަރާކުރަމުންދާ އެ ހޮޓެލްގައި 250 ކޮޓަރި ހަދަން މަޝްވަރާކުރަމުންދާއިރު، ޓްރާންސިޓް ކުރާ ފަސިންޖަރުންނަށް ވެސް އެ ހޮޓެލްގެ ހިދުމަތް ލިބޭނެ ކަމަށް ޒުބްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމުގެ އެންމެ ބޮޑު މަގްސަދަކީ އައްޑޫ އަތޮޅުގެ އެނދުގެ ކެޕޭސިޓީ އިތުރުކޮށް ގަން އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުކުރުން ކަމަށެވެ.

ގަން އެއާޕޯޓް ހިންގަމުންދާ އޭއައިއޭ އަކީ ދިވެހި ސަރުކާރާއި ކާސާ ހޯލްޑިންގްސް އާއި އެސްޓީއޯ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިއްސާވާ ކުންފުންޏެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތިކޮށް ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ އެއާޕޯޓް ހެދުމަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއެއް މިހާރު ދަނީ ކުރިއަށެވެ.

އޭއައިއޭ އިން ބުނާގޮތުގައި، ރަންވޭ ބޮޑުކުރުމުގެ މަޝްރޫއު އެއްކޮށް ނިމުމުން ބޮއިން 777 އާއި އޭ އެއާބަސް 330 އަދި 340 ކެޓަރީގެ ބޯޓްތަކަށް ޖެއްސޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިވަގުތު އެ އެއާޕޯޓުން ހިދުމަތް ދެމުންދަނީ B757, A320 އާއި A321ގެ މަރުކާގެ އުޅަނދު ތަކަށެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތި ކުރުމުގެ މަޝްރޫއު ނިމުމުން ގަމުގައި ކާގޯ ހެންޑްލިންގެ ހިދުމަތް ވެސް ފޯރުކޮށްދޭން ފަށަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.

ގަން އެއާޕޯޓްގެ އިތުރުން އެތަނުގައި ސީޕްލޭން ބޭސް ގާއިމްކުރަން ވެސް ވަނީ ނިންމައި، އެ މަސައްކަތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ ހަވާލުކޮށްފައެވެ. އެ މަޝްރޫއު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ދަތުރުތައް ފެށިގެންދާނެ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.