ޕާސްކިތާނުގެ އުތުރުގައި، ކޯރެއް ކައިރީގައި ހުރެ ސެލްފީއެއް ނަގަން އުޅުނު 11 އަހަރުގެ ކުއްޖަކު ކޯރަށް ވެއްޓި ގެނބިގެން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އޮފިޝަލުން ބުނީ، ޕާކިސްތާނުގެ ހައިބާރު ޕަކްތުކްކުވާ ޕްރޮވިންސްގައި އޮންނަ ކުންދާރު ކޯރު ކައިރީގައި ހިނގި އެ ހާދިސާގައި ކޯރަށް ވެއްޓުނު ކުއްޖާ ސަލާމަތްކުރަން މަސައްކަތްކުރި އޭނާގެ މަންމައާ ބައްޕަ ވެސް މަރުވެފައިވާ ކަމަށެވެ.

"ސާފިއާ އާތިފް ނަމަކަށް ކިޔާ އަންހެން ކުއްޖަކު ކޯރު ކައިރީގައި ހުރެ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ކޯރުގެ ތެރެއަށް ވެއްޓުނީ. އަދި ކުއްޖާ ސަލާމަތްކުރަން ވެގެން ކުއްޖާގެ މަންމަ ކޯރަށް ފުންމާލި. ނަމަވެސް އޮޔާއެކު ގެނބުނީ،" ލޯކަލް ފުލުސް އޮފިސަރު އަރްޝާދް ޚާން ވިދާޅުވި އެވެ.

ފުން، ގާގިނަ އަދި އޮއިބާރު ކުންދާރު ކޯރަކީ ރާފްޓިން އަށް މަޝްހޫރު، ފަތުރުވެރިންގެ މަގްބޫލް މަންޒިލެކެވެ.

ފުލުސް އޮފިސަރު ޚާން ވިދާޅުވީ، ދަރިފުޅާ އަންހެނުން ގެނބޭތަން ފެނުމުން، ދަރިފުޅުގެ ބައްޕަ ވެސް އެ ދެމީހުން ސަލާމަތްކުރަން ކޯރަށް ފުންމާލި ކަމަށާއި ނަމަވެސް ސަލާމަތްނުވެ މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ކުއްޖާގެ ބެލެނިވެރިންނަކީ ޕަންޖާބު ޕްރޮވިންސްގައި މަސައްކަތްކުރާ ދެ ޑޮކްޓަރުން ކަމަށެވެ. އަދި އެ ދެމަފިރިންނާއި އެ މީހުންގެ ތިން ކުދިންނާއެކު ކުންދާރު ސަރަހައްދަށް ގޮސް އުޅުނީ ޗުއްޓީއަކަށް ކަމަށް ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިބިއިރު، ކުއްޖާ އާއި ދެމަފިރިން މަރުވެގެންދިޔަ މަންޒަރު، މަރުވި ދެމަފިރިންގެ ނުވަ އަހަރުގެ އަންހެން ކުއްޖަކާއި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް ވެސް ވަނީ ފެނިފައެވެ.

ފުލުހުން ބުނީ، މަރުވި ދެ މަފިރިންގެ ދެ ކުދިން އާއިލާގެ މެމްބަރުންނާ ހަވާލުކުރާނެ ކަމަށެވެ.