29 May 2011, 21:21
ހައުސިން މަޝްރޫ އަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އުތުރުގެ ދެ ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ދެ ފަރާތަކަށް ކުއްޔަށް ދީފި އެވެ.
ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށްގެންދާ މަޝްރޫއަށް ފައިސާ ހޯދުމަށް ކަމަށް ބުނެ މި މަހުގެ 22 ވަނަ ދުވަހު ކުއްޔަށް ދޫކޮށްފައި ވަނީ ސީ ލިންކް ޕްރައިވެޓް ލިމިޓެޑަށް، ރ. ދިގަލި އަދި މޯލްޑިވްސް އެއާ ޕޯޓް ކޮމްޕެނީ ލިމިޓެޑަށް ނ. ހުއިވަނި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ހުއިވަނި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ލިބުނީ އެ ރަށަށް ބީލަން ހުށަހަޅާފައި ވަނީ އެ ފަރާތުން އެކަނި ކަމަށް ވާތީ ކަމަށެވެ. ނަމަވެސް ސީލިންކް އަށް ދިގަލި ކުއްޔަށް ދިނީ ބީލަންހުށަހެޅި ތިން ފަރާތުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޯސްޓެއް އެފަރާތުން ހުށަހަޅާފައި ވާތީ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެފަރާތުން ހުށަހަޅާފައި ވަނީ 4714777 ޑޮލަރެވެ. އަދި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ސަރުކާރަށް ދައްކަން ޖެހެނީ 4198783 ޑޮލަރެވެ.
ސަރުކާރުން ބުނީ 20 ޖޫން 2011 ކުރިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ މިރާ އަށް ދައްކައި ނިންމަން ޖެހޭނެ ކަމަށެވެ. އަދި ރަށް ހަވާލުކުރިކަމުގެ ލިޔުމުގައި ވާ ގޮތަށް 15 ދުވަހުގެ ތެރޭގައި އަމަލުނުކޮށްފި ނަމަ ދެން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަކަށް އެ ރަށް ހަވާލުކޮށް ބޭންކް ގެރެންޓީގެ ގޮތުގައި ބެހެއްޓި 50000 ޑޮލަރު ސަރުކާރަށް ނަގާނެ ކަމަށެވެ.