16 Aug 2016, 18:33
މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ކުޅުދުއްފުށި ލަދުގަންނަވާލުމަށް ފަހު، ހަނިމާދޫ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ހަނިމާދޫ އިން ކުޅުދުއްފުށީގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު 9-0 ލަނޑުންނެވެ.
މިއަދު ކުޅުނު މެޗުގައި ކުޅުދުއްފުށި ފެނިގެންދިޔައީ އެ ރަށު ޓީމުގެ ކުލަ ކަމަށްވާ ރަތް ކުލައިންނެވެ. ކުޅުދުއްފުށީގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ އިން ހަތަރު ލަނޑު ކާމިޔާބުކުރި އިރު، ދެވަނަ ހާފުގައި އެ ޓީމުން ފަސް ލަނޑު ކާމިޔާބުކުރި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅު ފައިނަލްގައި ކުޅުދުއްފުށްޓާއި ހަނިމާދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ފަސޭހަކަަމާއެކު 9-0 ލަނޑުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ހަނިމާދޫ އިން --- ފޮޓޯ: އެފްއޭއެމް
މިއަދުގެ މެޗަށް ދެ ޓީމުން ވެސް ވަރަށް ބޮޑަށް ތައްޔާރުވި އެވެ. އެގޮތުން ދެ ޓީމުގެ ކުޅުންތެރިންގެ އިތުރުން ދެ ޓީމުގެ ސަޕޯޓަރުން ވެސް މެޗަށް ތައްޔާރީތަކެއް ވެފައިވެ އެވެ.
އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ދެން ހަނިމާދޫ އިން ވާދަކުރާ ޒޯން އެކެއްގެ ބުރުގައެވެ. އެ ބުރު ހޯމް އެޑް އަވޭ އުސޫލުން ކުޅޭ އިރު، ހަނިމާދޫއާ އެކު ދެން އެ ބުރުގައި ވާދަކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ކެލާ އެވެ. ޒޯން ބުރުގެ ފުރަތަމަ މެޗު މި މަހުގެ 19 ވަނަ ދުވަހު ކެލާގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ މެޗު މި މަހުގެ 22 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައެވެ.