ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަން ނިންމާފައިވާ ސީޕްލޭން ބޭސް ގާއިމްކުރުމުގެ މަސައްކަތް ދުނިޔޭގެ އެންމެ ބޮޑު އެއް ސީޕްލޭންސް އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ ހަވާލުކޮށްފިއެވެ.

މާލޭގައި ހުންނަ އޭއައިއޭގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސީ ޕްލޭން ބޭހެއް ގާއިމްކުރުމުގެ މަސައްކަތް ޓީއެމްއޭއާ ހަވާލުކުރުމުގެ ގޮތުން، އެ ކުންފުންޏާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އާދަމް އެވެ. އަދި ޓީއެމްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ފައުޒީ އެވެ.

ގަން އެއާޕޯޓުގައި ސީޕްލޭން ބޭހެއް އެޅުމަށް ޓީއެމްއޭއާ މިއަދު ހަވާލުކުރި ނަމަވެސް، އެ މަސައްކަތަށް ހަރަދުވާ ވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓީއެމްއޭއިން ބުނީ، ގަން އެއާޕޯޓުގައި ގާއިމްކުރާ ސީޕްލޭން ބޭހުގެ އަމަލީ މަސައްކަތް މިހާރު ފަށަން ތައްޔާރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ގަން އެއާޕޯޓުގައި ގާއިމްކުރާ ސީޕްލޭން ބޭސް ބޮޑަށް އަމާޒު ކުރެވޭނީ އައްޑޫ އަދި ހުވަދޫ އަތޮޅުގެ ރިސޯޓްތަކާއި ހޮޓާތަކަށް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ މަންޒިލްތަކަށް ޗުއްޓީއަށްދާ ފަތުރުވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ހިދުމަތް ގާއިމްކޮށް ހިދުމަތްދޭން ފެށުމުން ދެކުނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް ޓީއެމްއޭއިން ބުނެ އެވެ.