ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ސައުދީ ވަޒީރުންގެ މަޖިލީހުން ދީފިއެވެ.

އައިޔޫއެމް އިން ބުނީ، ސައުދީ އަރަބިއާގެ ރަސްގެފާނު ކިންގު ސަލްމާން ބިން އަބްދުލްއަޒިޒް އަލް ސައުދު ރިޔާސަތު ބެލެހެއްޓެވި ސައުދީ ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެހިތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ، މަދީނާގައި ހުންނަ މަދީނާ އިސްލާމީ ޔުނިވާސިޓީ މެދުވެރިކޮށް ކަމަށެވެ.

މެދު އިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދުގެ ހަބަރުތައް ގެނެސްދޭ ރޮއިޓާސް ކޯޕަރޭޝަންގެ ވެބްސައިޓެއް ކަމަށްވާ ޒަވްޔާ އިން ބުނީ، އިއްޔެ ބޭއްވި ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެހީތެރިވުމަށްޓަކައި ކަމާއިބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހުއްދަ ވެސް މަދީނާ ޔުނިވާސިޓީއަށް ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް ދެ ޔުނިވާސިޓީއާ ދެމެދު ސޮއިކުރަން ނިންމާފައިވަނީ ކޮންކަހަލަ އެއްބަސްވުންތަކެއްގައި ކަމާއި އެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ތާރީހެއް އަދި ނޭނގެ އެވެ.

އައިޔޫއެމް އިން ބުނީ، އެ އެއްބަސްވުންތަކަކީ ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކެއް ކަމަށާއި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެހީވުމުގެ ހުއްދަ މަދީނާ އިސްލާމިކް ޔުނިވާސިޓީ އަށް ސައުދީ ވަޒީރުންގެ މަޖިލީހުން ދީފައިވާއިރު، މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ރެކްޓަރު ޕްރޮފެސަރު މުހައްމަދު ބިން އަބްދުﷲ ޒާހިމް ވަނީ މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަތް އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވާފަ އެވެ.

ޔުނިވާސިޓީގާނޫނެއްގެ ދަށުން ސައުދީ އަރަބިއްޔާގެ ސަރުކާރުން 1961 ވަނަ އަހަރު އުފެއްދި އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާ އިން ބެޗްލާސް އޮފް އާޓްސް ޑިގްރީ އާއި މާސްޓާސް އަދި ޑޮކްޓޮރޭޓް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތުދޭއިރު، އެތަނުގައި 22000 ދަރިވަރުން ކިޔަވަމުންދެ އެވެ.