ގައުމީ 3-އާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މިއަދަކީ ގައުމީ 3އާރު ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ރާއްޖޭގައި އޮޕަރޭޓްކުރާ ގިނަ ރިޒޯޓުތަކާއެކު 3އާރު ”ޑެކްލަރޭޝަން“ ގައި ސޮއިކޮށްފައިވަނީ 16 އޯގަސްޓް 2015 ގައި ކަމަށްވުމާއި، ހުރިހާ އަތޮޅު ކައުންސިލްތަކުން "ސާފުރާއްޖެ" އިނީޝިއޭޓިވްގައި ސޮއި ކުރި ދުވަހަކީވެސް އެ ދުވަހަށް ވުމުންނެވެ.

3 އާރަކީ ކޮބާ؟

  • ރިޑިއުސް(މަދުރުކުން) – ކުނި އުފައްދާ މިންވަރާއި އުކާލެވޭ ކުނި މަދުކުރުން.
  • ރިޔޫސް(އަލުން ބޭނުންކުރުން) – ކުނި އުކާލުމުގެ ބަދަލުގައި އަލުން ބޭނުންކުރުން.
  • ރީސައިކަލް– ކުނި ބޭނުންކޮށްގެން ތަކެތި އަލުން އުފެއްދުން.

މިއަހަރު 3އާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖައްސާފައިވެއެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، އެކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، 3އާރު އާ ބެހޭ ލީފްލެޓްތައް ބެހުމާއި، ރަށުތެރެ ސާފުކުރުމުގެ އިތުރުން އެކަމާ ގުޅޭ މައުރަޒުތައް ބޭއްވުން ހިމެނެއެވެ.

އަތޮޅުތެރޭގެ ޖުމްލަ 28 ރަށެއްގައި 3އާރު ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިއަދު ފާހަގަކުރާ 3އާރު ދުވަހާ ބެހޭ ގޮތުން ވާހަަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓަކީ ވަރަށް ނާޒުކު ތިމާވެއްޓެއް ކަމަށާއި، ތިމާވެށި ރީތިކޮށް ރައްކާތެރިކޮށް ބޭއްވުމަށް ރައްކާތެރިގޮތުގައި ކުނި މެނޭޖު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސާފުތަނަކަށް ރާއްޖެ ހެދުމަކީ އަމާޒުކަމަށާއި، މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އޮތީ ނުވެފައިކަމަށެވެ. އަދި އެކަންތައްތަކަކީ މުހިއްމު ކަމެއްކަމުގައި ބަލައިގަނެވިފައި ނުވާ ކަމަށެވެ.

ގައުމީ 3އާރު ދުވަސް ފާހަގަ ކުރަނީ 3އާރު ކޮންސެޕްޓް އަދި ކުނި މެނޭޖްކުރުމުގައި ފަރުދީ ޒިންމާއާއިމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުންނެވެ.