16 Aug 2016, 17:15
މެލޭޝިޔާ ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް އެއްބާރުލުމާ އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކުން އެހިތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް އެގޮތަށް ވިދާޅުވީ، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޑާޓޯ ޝްރީ ޙާޖީ މުހައްމަދު ނަޖިބު ބިން ޓުން ޙާޖީ އަބްދުލް ރައްޒާގުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މެލޭޝިޔާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި މެލޭޝިޔާއަށް ރާއްޖޭގެ ފަރާތުން އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖޭގެ ސަރުކާރުން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ނައިބް ރައީސް ޖިހާދު ވަނީ މެލޭޝިޔާގެ ސަރުކާރަށް އަރުވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މެލޭޝިޔާ އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ނައިބް ރައީސް ޖިހާދާއި މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ބައިނަލްއަގުވާމީ ރަސްމީ ދަތުރުފުޅުގައި، ނައިބު ރައީސް ޖިހާދު މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގަތީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ޕުޓްރާޖާޔާގައި އޮންނަ އިންޓަނޭޝަނަލް ކޮންފެރެންސް އޮން ބްލޫ އޯޝަން ސްޓްރެޓަޖީގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާގެ ސަރުކާރުގެ ފަރާތުން ލިބިވަޑައިގަތް ދައުވަތަކާ ގުޅިގެންނެވެ.
އެ ކޮންފަރެންސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޖިހާދު ވަނީ ވާދަވެރި މާހައުލެއްގައި ގައުމެއް ކުރިއެރުވުމަށްޓަކައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި "ބްލޫ އޯޝަން ސްޓްރެޓަޖީ"ގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، "މުސްތަޤްބަލުގައި ސަރުކާރު: މާދަމާގެ ބޭނުންތަކާއި އުއްމީދުތައް ހާސިލްކުރުން" މި ޝިއާރަކީ ކުރިއަރަން ބޭނުންވާ ގައުމުތަކަށް އެންމެ އެކަށީގެންވާ ޝިޢާރުކަމަށް ވިދާޅުވަމުން، ރާއްޖޭގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވާފައިވެ އެވެ.
ބްލޫ އޯޝަން ސްޓްރެޓަޖީއަކީ ވިޔަފާރީގެ މާކެޓެއްގައި ގިނަ ކުންފުނިތަކަކުން އެއް ކަމެއް ހާސިލުކުރުމުގެ ތެރޭގައި ވިޔަފާރިތަކަށް ލިބޭ ފައިދާއަށް ވާދަކޮށް، ލިބޭ ފައިދާ ކުޑަ ވުމުގެ ބަދަލުގައި، އާ މާކެޓުތައް އުފައްދައި އާ މާކެޓުތައް ދިރާސާ ކުރުމުގެއެވެ.